ހައްޖުވެރިންގެ ކިބައިގައި ސިއްހީ ގޮތުން ފުރިހަމަވާން ޖެހޭ ޝަރުތުތަކާ ބެހޭގޮތުން ސައުދީ އަރަބިއްޔާގެ ސަރުކާރުން ނެރެފައިވަނީ އާ ސާކިއުލާއެއް ނޫން ކަމަށް އިސްލާމިިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.
ބޮޑެތި ބަލިތަކުގެ މީހުންނަށް ހައްޖަށް ނުދެވޭ ގޮތަށް ސައުދީ ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެއީ ހައްޖު މޫސުމަށް ތައްޔާރުވުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެ ގައުމުގެ ސަރުކާރުން ފޮނުވާ ސާކިއުލާއެއް ކަމަށެވެ.
މިނިސްޓްރީގެ ބަޔާނުގައި ބުނީ، ހައްޖަށް ދާން ވިސާ ލިބޭނީ އެ މީހަކީ ހައްޖަށް ދާން ސިއްހީ ގޮތުން ކުޅަދާނަކަން ލިބިގެންވާ މީހެއްކަން އެނގޭ ގޮތަށް، އަސްލާ އެއްގޮތަށް ތަތްގަނޑު ޖަހާފައިވާ މެޑިކަލް ސެޓްފިކެޓެއެއް އޮވެގެން ކަމަށެވެ.
ސިއްހީ ގޮތުން ކުޅަދާނަ މީހެއްކަމަށް ބަޔާންކުރާ ކަންކަން
- އަސާސީ ގުނަވަނެއް ފެއިލްވެފައިވާ މީހަކަށް ނުވުން
- އޮކްސިޖަން ގުޅައިގެން އުޅެން ޖެހޭ މީހަކަށް ނުވުން
- ފުރަމޭގެ ސިރޯސިސް ހުރި މީހަކަށް ނުވުން
- ޑަޔަލިސިސް ހަދާފައިވާ މީހަކަށް ނުވުން
- ނާރުގެ ނުވަތަ ނަފުސާނީ ބަލި ތަހައްމަލުކުރާ މީހަކަށް ނުވުން
- ބުއްދިއަށް އަސަރުކޮށްފައިވާ މީހަކަށް ނުވުން
- ޑިމެންޝިއާ (ހަނދާން ނެތޭ ބަލި) ޖެހިފައިވާ މުސްކުޅި އުމުރުގެ މީހަަކަށް ނުވުން
- ވިހަން ކައިރިވެފައިވާ މީހަކަށް ނުވުން
- ކީމޯ ތެރަޕީ ނުވަތަ ބައިލޮޖިކަލް ތެރަޕީ ނަގަމުންދާ ކެންސަރުގެ ބަލި މީހަކަށް ނުވުން
- ޓީބީ އާއި ހެމަރޫޖް ހުންނަ ފަދަ ބައްޔެއް ހުރެގެން ޖެހިފައިވާ މީހަކަށް ނުވުން
މިނިސްޓްރީން ބުނީ ހައްޖަކީ އެތައް މިލިއަން މީހުން އެއްވެގެން ކުރާ އަޅުކަމަކަށްވާ އިރު، ސިއްހީ ގޮތުން ކުރިމަތިވެދާނެ މައްސަލަތަކަށް ރިއާޔަތްކޮށް، ސައުދީ ސަރުކާރުން އަޅާ ފިޔަވަޅުތައް ދިވެހި ސަރުކާރުން ބަލައިގަންނަ ކަމަށެވެ.
އަލީ ޔާމިން
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ