އެޗްޑީސީއަށް ލިބެންޖެހި، ނުލިބިވާ ފައިސާ ހޯދަން 19 ފަރާތެއްގެ މައްޗަށް ދައުވާކުރަން ހުށަހަޅާފައިވާކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހެއިރު ވިދާޅުވެއްޖެއެވެ.
އެޗްޑީސީއަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކުރަންޖެހޭ ކަންތައްތަކުގެ ރެކޮމެންޑޭޝަންތަކެއްް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އެ ކުންފުންޏަށް ވަނީ ފޮނުވައިފައެވެ.
އެ ރެކޮމެންޑޭޝަނާ އެއްގޮތަށް ކުންފުނިން މަސައްކަތް ކުރޭތޯ ބެލުމަށްޓަކައި، މާލިއްޔަތު ކޮމިޓީއަށް ހާޒިރު ކުރުމުން ޒުހެއިރު މިއަދު ވިދާޅުވީ، މަޖިލީހުގެ ރެކޮމެންޑޭޝަންތަކާ އެއްގޮތަށް، ވިޔަފާރި ބޭނުމަށް އެ ކުުންފުނިން ދޫކޮށްފައިވާ ބިންތަކާއި އިމާރާތްތަކުން ލިބެންޖެހޭ ފައިސާ ހޯދުމަށް ހަދާފައިވާ އުސޫލުތައް ހަރުދަނާ ކުރުމަށް، ކޮންސަލްޓެންޓެއްގެ އެހީގެ ދަށުން މަސައްކަތް ކުރަމުންދާ ކަަމަށެވެ.
"އެގޮތުން ޑެބިޓް ނިޒާމެއް ގާއިމުކުރުމާއި ޑެޓް ރިކަވަރީ ނިޒާމެއް ގާއިމުކުރުމަށްޓަކައި، އެންމެންނާ މެދު އެއްހަމަ ކުރުމުގެ އުސޫލެއް ގާއިމުކުރުމަށް އަޅުގަނޑުމެން މިދަނީ ޕޮލިސީ އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުން، މަޖިލީހުން ދީފައިވާ ރިޕޯޓްގެ މައްޗަށް ބިނާކޮށް،" އޭނާ ވިދާޅުވިއެވެ.
ނުލިބިވާ ފައިސާ ޝަރުއީ ނިޒާމުގެ ތެރެއިން ހޯދުމަށް 19 ފަރާތެއްގެ މައްޗަށް ދައުވާ ހުށަހަޅައި، މަޖިލީހުން ދީފައިވާ ލަފައާ އެއްގޮތަށް އެ ދައުވާގެ ތެެރެއިން އެސެޓްތައް ހިފެހެއްޓުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ.
ކުއްޔަށް ދޫކޮށްފައިވާ ތަންތަނުން އެޗްޑީސީއަށް ކުލީގެ ފައިސާ ނުލިބޭ މައްސަލަ، 6 ނޮވެމްބަރު 2024 ގައި ކޮމިޓީއަށް ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގެވެ.
އެ މައްސަަތައް ބެލުމަށްފަހު މިދިޔަ އޭޕްރީލް މަހު ކޮމިޓީން އެކުލަވައިލި ރިޕޯޓްގައިވާ ގޮތުން އެކި ފަރާތްތަކުން އެޗްޑީސީއަށް ދައްކަންޖެހޭ ފައިސާގެ އަދަދު 1.4 ބިލިއަން ރުފިޔާއަށް އަރައެވެ.
އެ ރިޕޯޓްގައި ކޮމިޓީން ފާސްކޮށްފައިވާ ރެކޮމެންޑޭޝަންތަކުގެ ތެރޭގައި ސަރުކާރުން ބިޔަ ޕްރޮޖެކްޓްތައް ހަވާލުކުރާ ކުންފުނިތަަކަކީ ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ފައިސާ ދައްކަން ޖެހި ނުދަައްކައިވާ ފަރާތެއްތޯ ކަށަވަރު ކުރުމަށްފަހު ނޫނީ ސަރުކާރުގެ ޕްރޮޖެކްޓްތައް ހަވާލު ނުކުރެވޭނެ ނިޒާމެއް ބައްޓަން ކުރުމަށް ފިނޭންސް މިނިސްޓްރީއަށް އެންގުން ހިމެނެއެވެ.
އޭގެ އިތުރުން އެޗްޑީސީން ދޫކޮށްފައިވާ ބިންތަކާއި އިމާރާތްތަކުން ލިބެން ޖެހޭ ފައިސާ ހޯދުމަށް ހަރުދަނާ ނިޒާމެއް އެކުލަވާލައި މާލިއްޔަތު ކޮމިޓީއަށް ހުށަހަޅަން އެޗްޑީސީއަށް އެންގުމަށާއި ފައިސާ ނުދައްކައި ހުރި ފަރާތްތަކުގެ އެސެޓްތަކުގެ އެސްޓިމޭޓެޑް މާކެޓް އަގުތައް ހޯދުމަށްފަހު އެ ތަންތަން ހިފަހައްޓައިގެން ލިބެން ޖެހޭ ފައިސާ ހޯދުމަށާއި އެޗްޑީސީން ހުޅުވާލާ ބިޑްތަކާއި ވިޔަފާރީގެ ފުރުސަތުތަކަށް އެދި ކުރިމަތިލާ ފަރާތްތަކުން އެ ކޯޕަރޭޝަނަށް ނުދައްކާވާ ފައިސާއެއް ވޭތޯ ބަލައި އިވެލުވޭޓް ކުރާނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށްވެސް އެ ރެކޮމެންޑޭޝަންތަކުގެ ތެރޭގައި ހިމެނެއެވެ.
އެޗްޑީސީން އަލަށް ހަވާލުކުރާ ޕްރޮޖެކްޓްތައް ނުވަތަ ބިޑަކަށް ކުރިމަތިލާ ފަރާތްތަކީވެސް އެޗްޑީސީއަށް އެއްވެސް ފައިސާއެއް ދައްކަން ޖެހޭ ފަރާތެއްތޯ ކަށަވަރު ކުރުމަށްފަހު ނޫނީ އިތުރު ޕްރޮޖެކްޓްތައް ހަވާލު ނުކުރުމަށް ވެސް ވަނީ ރެކޮމެންޑޭޝަންތަކުގެ ތެރޭގައި ހިމަނައިފައެވެ.
އިބްރާހިމް ޒަކީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ