ރިސޯޓު ތަރައްގީ ކުރުމަށް ދޫކުރާ ރަށްތަކުގެ ތެރޭގައި ހިމެނޭ އައްޑޫ ސިޓީގެ ހަންކެޑެގެ ބިމުގެ ސައިޒް ބޮޑުކޮށް، އަލުން އެތަން ޓޫރިޒަމަށް ތަރައްގީކުރަން ޓޫރިޒަމް މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މީގެ ކުރީން ކުރި އިއުލާނެއްގައިވާ ގޮތުން ހަންކެޑެގެ ބޮޑުމިނަކީ 7.06 ހެކްޓަރެވެ.

ނަމަވެސް އެ އިއުލާން އިސްލާހުކޮށް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ހަންކެޑެގެ ބޮޑުމިނަކީ 11.78 ހެކްޓަރުކަމަށް ވަނީ ބަޔާންކޮށްފައެވެ.

މިނިސްޓްރީން ބުނީ ހަންކެޑެގައި ތަރައްގީ ކުރަނީ 1،000 އެނދުގެ އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓެއް ކަމަށެވެ. އެއީ މީގެ ކުރީން މިދިޔަ އޮކްޓޫބަރުމަހުގެ 12 ވަނަ ދުވަހުވެސް މިނިސްޓްރީން ކުރި އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތެވެ.

ހަންކެޑެގައި ޓޫރިސްޓު ރިސޯޓެއް ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނުގައިވަނީ، އެކަމާ ގުޅޭ އިތުރު މައުލޫމާތު ބޭނުން ވާ ނަމަ އެ މިނިސްޓްރީގެ އީމެއިލް [email protected] އަށް އީމެއިލް ކޮށްގެން ސާފުކުރުމަށް އެދިފައެވެ.

ހަންކެޑެގައި ރިސޯޓު ތަރައްގީކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ، ފަތުރުވެރިކަމާ ބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވައިދުގެ ތިންވަނަ މާއްދާގެ ދަށުން، ދޫކުރުމަށް ކަނޑައަޅާފައިވާ ރަށްރަށާއި ފަޅުތަކުގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް މިދިޔަ އަހަރުގެ މެއި 30 ވަނަ ދުވަހު ނެރުނު އިއުލާނަށް އިސްލާހު ގެނެސްގެންނެވެ.

ހަންކެޑެގައި ފަތުރުވެރިކަމުގެ އާ މަޝްރޫއެއް ހިންގެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ އޮކްޓޫބަރުމަހުގެ އެއްވަނަ ދުވަހު އިއުލާންކުރައްވައިފައެވެ.

ރައީސްގެ އެ ނިންމެވުމާއެކު، އައްޑޫ ސިޓީގެ ހަންކެޑެ ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރުމުގެ މަސައްކަތް އަވަސްކުރުމުގެ މަގުސަދުގައި، ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅައި، ހަންކެޑެ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނަށް ކުއްޔަށް ދިނުމަށް 2 ޑިސެމްބަރު 2021 ގައި އެކަށައެޅުއްވި ގަރާރު ވަނީ އުވައިލައިފައެވެ.

ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް، މިދިޔަ އޮކްޓޫބަރުމަހުގެ ދެވަނަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އަމާޒަކީ އެ ރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިއަހަރު ތެރޭގައި ފެށި، ރައީސްގެ މި ދައުރުގައި އެ ރަށް އޮޕަރޭޝަނަށް ގެނައުން ކަމަށެވެ. އަދި ހަމައެއާއެކު، އައްޑޫ ސިޓީގެ ހަންކެޑެގެ ބަދަލުގައި އެ އަތޮޅުގެ ދޮންހެރަ (LD1453 ގައިވާ ރަށާއެކު) "ހަލާލް ޓޫރިޒަމް" ތަރައްގީކުރުމަށް ހުޅުވާލާނެ ކަމަށް ތޯރިގު ވިދާޅުވެފައިވެއެވެ.

ރައީސް މުއިއްޒު ވަނީ އައްޑޫ ސިޓީގެ ހަންކެޑެ އަކީ "ހަލާލް ޓޫރިޒަމް"އަށް ތަރައްގީކުރާ ރަށެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ވެސް ނިންމަވައިފައެވެ.