ރައްޔިތުންގެ މަޖިލިސް އިދާރާގެ މުވައްޒަފުންގެ މަސްލަހަތު ހިމެނޭ ކަމެއް އޮތުމުންކަމަށްބުނެ މަޖިލީހުގެ އާއްމު ކޮމިޓީގެ މިއަދުގެ ބައްދަލުވުން ސިއްރު ކޮށްފިއެވެ.

ކޮމިޓީ ބައްދަލުވުން ފެށިއިރުވެސް އެޖެންޑާގައި އޮތީ ކޮމިޓީއަށް ހުށަހަޅައިފައިވާ މައްސަލައެއް ދިރާސާ ކުރުން ކަަމަށެވެ. ނަަމަވެސް އެއީ ކޮން މައްސަލައެއްކަން އެނގޭކަށް ނެތެވެ.

ކޮމިޓީގެ ބައްދަލުވުން ފެއްޓެވުމަށްފަހު މުގައްރިރު ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ، ކޮމިޓީއަށް ދެ ކަމެއް ހުށަހެޅިފައިވާ ކަމަށެވެ. އެއީ މަޖިލިސް އިދާރާގެ މުވައްޒަފުންގެ މަސްލަހަތު ހިމެނޭ ކަންތައްތަކެއް ކަމަށްވެސް ވިދާޅުވިއެވެ.

މީގެ ކުރިންވެސް ކޮމިޓީގެ މިފަދަ ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވަނީ ސިއްރުކޮށްގެންކަމަށް ވުމާއި، މިއަދު ހުށަހެޅިފައިވާ މައްސަލައަކީ މުވައްޒަފުންގެ މަސްލަހަތު އޮތް ކަމަކަށްވާތީ އެކަން ކުރިއަށްގެންދާނެ ގޮތަކާމެދު ކޮމިޓީގެ މެންބަރުންގެ ހިޔާލު ހުށަހަޅަން ހުޅުވައިލެއްވިއެވެ.

އެހިސާބުން އަލިފުށީ ދާއިރާގެ މެންބަރު އަބްދުއްލަތީފް އަބްދުއްރަހްމާން ކޮމިޓީ ބައްދަލުވުން ސިއްރުކުރަން ހުށަހެޅުއްވިއެވެ. އެ ހުށަހެޅުއްވުމަށް މެންބަރަކު ތާއީދު ކުރައްވައިގެން ކޮމިޓީ ބައްދަލުވުން ސިއްރު ކުރިއެވެ.

މަޖިލީހުގެ އާއްމު ކޮމިޓީގެ މަސްއޫލިއްޔަތަކީ، ރައްޔިތުންގެ މަޖިލީހުގެ ކަންކަން ހިންގުމުގެ އުސޫލުތަކާ ގުޅޭގޮތުން، މުރާޖައާ ކުރަން ޖެހޭ ކަންކަން މުރާޖައާ ކުރުމާއި، މަޖިލީހުގެ ގަވާއިދަށް އެއްވެސް އިސްލާހެއް ގެންނަން ޖެހޭ ކަމަށް ވާނަމަ، އެކަމެއް ދިރާސާކުރުމާއި، އެހެން ކޮމިޓީއެއްގެ މަސްއޫލިއްޔަތުގެ ދާއިރާގައި ނުހިމެނޭ މެންބަރުންގެ މުސާރަ އާއި އިނާޔަތްތަކާ އެފަދަ އެހެނިހެން ކަންކަން ދިރާސާކުރުމާއި، ޕާލިމަންޓަރީ ސާވިސްގައި ހިމެނޭ މުވައްޒަފުންގެ ކަންތައްތަކުގައި މަޖިލީހުގެ ރައީސަށް ލަފާދިނުމާއި ޕާލިމަންޓަރީ ސަރވިސްގެ ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތައް ދިރާސާކޮށް ބަދަލު ގެނައުމެވެ.