ލ. ކައްދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއުގެ ތެރެއިން ލ. ފޮނަދޫން 30 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށާއި އެ ރަށުގައި 100 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް ވެސް މިއަހަރު ފެށިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ލ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ފޮނަދޫގައި މިރޭ ބޭއްވި ޖަލްސާގައި ވަނީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ކައްދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ހަވާލުކޮށްފައެވެ.
އެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ މަޝްރޫއުގެ ތެރެއިން ކައްދޫ އެއާޕޯޓުގެ ބޭނުމަށް 114 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށާއި ބިން ހިއްކުމަށްފަހު އެ އެއާޕޯޓުގައި 2800 މީޓަރުގެ ދިގު ރަންވޭއެއް ހަދާނެ ކަމަށެވެ.
"މި ސޮއިކުރެވުނު މަޝްރޫއުގައި މި ރަށަށް ބިން އިތުރުކުރުމަށްޓަކައި 30 ހެކްޓަރުގެ ބިން މި ރަށަށް އިރާދަކުރެއްވިއްޔާ އިތުރުކުރެވިގެން ދާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފޮނަދޫ އާއި ކައްދޫ އެއާޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތް އެއް އަހަރުގެ ތެރޭގައި ނިމިގެންދާނެ ކަމަށާއި ކައްދޫ އެއާޕޯޓު ތަރައްގީކުރުމުގެ ހުރިހާ މަސައްކަތެއް 36 މަސް ދުވަސްތެރޭ ނިމިގެންދާނެ ކަމަށެވެ. އަދި ފޮނަދޫގައި ހައުސިން މަޝްރޫއު ފެށުމަށް ބަޔަކާ ހަވާލުކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ހަމަ އެއާއެކީގައި އަޅުގަނޑު ވީ ވައުދެއް 500 ހައުސިން ޔުނިޓް އެޅުން. މީގެ ތެރެއިން 100 ހައުސިން ޔުނިޓް މި ފަށައިގަންނަނީ. 500 އިން 100 ހައުސިން ޔުނިޓު އިރާދަކުރެއްވިއްޔާ ބަޔަކާ ހަވާލުކުރުމުގެ މަރުހަލާ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި އެބަ ހިނގާ. ވަރަށް އުންމީދު ކުރެވޭ ހަމަ މިމަހުގެ ތެރޭގައި އެގްރީމެންޓް ކުރެވޭނެ ކަމަށް. ހަމަ މިއަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ 100 ހައުސިން ޔުނިޓު އިމާރާތްކުރުމުގެ އަމަލީ މަސައްކަތް މި ރަށުގައި ފެށޭނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ފޮނަދޫގައި 50 އެނދުގެ ހޮސްޕިޓަލެއް ހެދުމަށް ވެސް ފަންޑު ހަމަޖެހިފައިވާ ކަމަށާއި އެ މަޝްރޫއު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ސައުދީ ފަންޑުގެ ތެރެއިން ކަމަށެވެ. އަދި އެ ފަންޑުގެ ތެރެއިން ކުރިއަށްގެންދާތީ، ނިންމަންޖެހޭ ކަންތައްތަކެއް ހުންނަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު