އާއްމުތަނެއްގައި ހުރި މީހަކު، އެމީހެއްގެ އަމަލެއްގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން ނުވަތަ އުނދަގޫވާނެކަން ނުވަތަ ބިރު ހީވެދާނެކަން އެނގިހުރެ މާރާމާރީގައި، ތަޅާ ފޮޅައި ހަރުކަށިކޮށް، ނުވަތަ ބިރު އުފެދޭގޮތަށް އުޅުމާއި، ގައިގައި އަތްލުމުގެ ކުށުގައި މީހަކު ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި ދެ މައްސަލައިގައި ދައުލަތުން ދައުވާކުރީ، މއ. ހިއްތަލަވިލާ އަހުމަދު ނަޒްމީންގެ މައްޗަށެވެ.

އޭނާގެ މައްޗަށް މި ދެ ދައުވާކުރީ، 29 ނޮވެމްބަރު 2023 ދުވަހު އިތުރު ބަޔަކާއެކު މާލޭގެ ބުރެވި މަގު ޗީބޯ ކެފޭ ކައިރިން މއ. އަމީނީ ވިލާ އަހްމަދު އަޒުހަރު އަޒީމްއާ ދެެމެދު މާރާމާރީ ހިންގަމުން ދަނިކޮށް، އެތަނަށް ގޮސް އަހްމަދުއަޒްހަރު އަޒީމްގެ ގައިގައި އަތުން ޖަހައި މާރާމާރީ ހިންގާފައިވާތީއެވެ.

މި ދެ ދައުވާއަށް ނަޒްމީން ވަނީ ކޯޓުގައި އިއުތިރާފުވެފައެވެ.

އެހެންކަމުން ގައިގައި އަތްލުމުގެ ކުށުން ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، 27 ދުވަހަށް ޖަަލަށްލުމަށް ހުކުމްކޮށް އޭނާ ތަންފީޒު ކުރަންޖެހޭ 21 ދުވަހުގެ ޖަލު އަދަބު، 4200 ރުފިޔާއިން ޖޫރިމަނާގެ އަދަބަށް ބަދަލުކޮށް މި ފައިސާ އެއްމަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދައްކަން ވަނީ ހުކުމްކޮށްފައެވެ.

އަދި އާއްމުތަނެއްގައި ހުރި މީހަކު، އެމީހެއްގެ އަމަލެއްގެ ސަބަބުން އެހެންމީހަކަށް ގޯނާވާނެކަން ނުވަތަ އުނދަގޫވާނެކަން ނުވަތަ ބިރު ހީވެދާނެކަން އެނގިހުރެ މާރާމާރީގައި، ތަޅާ ފޮޅައި ހަރުކަށިކޮށް، ނުވަތަ ބިރު އުފެދޭގޮތަށް އުޅުމުގެ ކުށުން ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، 13 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކޮށް އެ އަދަބު، 2600 ރުފިޔާގެ ޖޫރިމަނާގެ އަދަބަކަށް ވެސް ވަނީ ބަދަލުކޮށްފައެވެ.

މީގެ އިތުރުން މި މައްސަލައިގައި ދައުވާ އުފުޅާފައިވާ ސ. ފޭދޫ ވީނަސްވިލާ، ނަސީބު ސައީދާއި ސ. މަރަދޫ މާނެލް، މުހައްމަދު އަނާލް ނަޝީދާއި ދަފްތަރު ނަންބަރު ދރ. 2580 އަހްމަދު ޒިވާން ރަޝީދުގެ ބައި، ކޯޓުގެ އެހެން ގަޒިއްޔާއަކުން ބެލުމަށްވެސް ކުރިމިނަލް ކޯޓުން ވަނީ ނިންމައިފައެވެ.