ރާއްޖޭގެ ކޮންމެ ނެޓްވޯކެއްގެ ނަމްބަރަކަށް ވެސް، އުރީދޫ މޯލްޑިވްސްގެ އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ހިދުމަތް ލިބޭނެ ކަމަށް އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވެއްޖެއެވެ.
ޕޭޕަލް މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރުމުގެ ލައިސަންސް އުރީދޫ ފިންޓެކްއަށް މިމަހުގެ 15 ގައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ ދީފައެވެ.
އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ނިޔާޒް، "ވަން"އަށް މިރޭ ވިދާޅުވީ ރާއްޖޭގެ ކޮންމެ ނަމްބަރަކަށް ވިޔަސް، އެމްފައިސާ މެދުވެރިކޮށް ޕޭޕަލްގެ ހިދުމަތް ލިބޭނެ ކަމަށާއި މިހާރު ވެސް ރާއްޖޭގެ ކޮންމެ ނަމްބަރަކަށް ވެސް، އެމްފައިސާ ޑިޖިޓަލް ވޮލެޓް ބޭނުންކުރެވޭނެ ކަމަށެވެ.
"އެމްފައިސާ އެޕްއަށް ވަނީމަ ފެންނާނެ ޕޭޕަލްގެ ބެލެންސް. އޭގެން ފައިސާ ފޮނުވުމުގެ އިތުރުން ރިސީވް ވެސް ކުރެވޭނެ. އެމްފައިސާ އެޕް އާއި ޕޭޕަލް އިންނާނީ ސީދާ ގުޅިފައި،" ނިޔާޒް ވިދާޅުވިއެވެ.
އެމްއެމްއޭ އިން އުރީދޫ ފިންޓެކްއަށް ދޫކުރި އިންވާޑް ރެމިޓެންސް ލައިސަންސްގެ ދަށުން އަމިއްލަ ފަރުދުން، ހާއްސަކޮށް ފްރީލާންސަރުންނާއި ކުދި ވިޔަފާރިވެރިންނާއި، އާމްދަނީ އާއި އެހީއަށް ބައިނަލްއަގުވާމީ މުއާމަލާތްތަކަށް ބަރޯސާވާ އާއިލާތަކަށް ޕޭޕަލް މެދުވެރިކޮށް ފައިސާ ފޮނުވޭނެއެވެ. ބޭރު ގައުމުތަކުން ރެމިޓެންސް ލިބުމުގެ ގާބިލުކަން ލިބުމާއެކު، އެމްފައިސާ ވޮލެޓަށް ފައިސާ ސީދާ ލިބުމުގެ ފުރުސަތު ވަރަށް އަވަހަށް ލިބިގެންދާނެ ކަމަށް އުރީދޫން މައުލޫމާތުދެއެވެ.
އުރީދޫން ބުނީ އެ ލައިސަންސާއެކު ރާއްޖޭގެ ޑިޖިޓަލް ފައިނޭންޝަލް ސިސްޓަމް ހަރުދަނާ ކުރުމަށް އެމް-ފައިސާ އިން ކުރަމުންދާ މަސައްކަތް އިތުރަށް ފުރިހަމަ ވެގެންދާނެ ކަމަށެވެ. އެ ލައިސަންސަކީ އުރީދޫގެ ފިންޓެކްގެ ހިދުމަތްތައް ފުޅާކޮށް، ފަސޭހަކަމާއެކު އެމްފައިސާ ވޮލެޓަށް ފައިސާ ޓްރާންސްފާ ކުރުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާނެ ލައިސަންސެއް ކަމަށް އުރީދޫން ބުންޏެވެ.
ލައިސަންސް ހަވާލުކުރުމަށް މިމަހުގެ 15 ގައި ބޭއްވި ރަސްމިއްޔާތުގައި އުރީދޫ ފިންޓެކް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލް ހަމާދީ ވިދާޅުވެފައިވަނީ އެ ލައިސަންސްގެ ސަބަބުން އެމްއެމްއޭ އިން ޑިޖިޓަލް އިގުތިސާދެއް ބިނާކުރުމަށް ކުރާ މަސައްކަތަށް އުރީދޫން ދޭ އަހއްމިއްޔަތަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށެވެ.
އެމްފައިސާގެ ހިދުމަތްތަކުގެ ތެރޭގައި ބިލު ދެއްކުމާއި، މާޗަންޓް ކިއުއާރު ޓްރާންސެކްޝަންތަކާއި، ޑޮމެސްޓިކް ޓްރާންސްފާގެ އިތުރުން އިންޓަނޭޝަނަލް ރެމިޓެންސް ފަދަ ހިދުމަތްތައް ފުޅާވެ، ރާއްޖޭގެ ޑިޖިޓަލް އިންގިލާބީ ބަދަލުތައް ގެނައުމުގައި އުރީދޫން ދަނީ އިތުރު ދައުރެއް އަދާކުރަމުން ކަމަށެވެ. އަދި އެ ހިދުމަތްތަކުގެ ސަބަބުން ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް އެހީތެރިވެދޭ ހިދުމަތެއް ކަމަށް އުރީދޫ ފިންޓެކްގެ ސީއީއޯ ވިދާޅުވެފައިވެއެވެ.
ރާއްޖޭގައި ޕޭޕަލް ބޭނުންކުރެވޭ ގޮތް ހަދައިދިނުމަށް މަސައްކަތްކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. ސަރުކާރުން ވަނީ މީގެ ކުރިން އެކަމުގެ ގިނަ މަޝްވަރާތަކެއް ކޮށްފައެވެ.
ށ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިމަހުގެ 14 ވަނަ ދުވަހު ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ އަންނަ އަހަރުގެ ތެރޭގައި ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ފެށޭނެ ކަމަށެވެ.
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް