ބ. އަތޮޅުރަށާ ގުޅިގެން ތިންވަނަ ފަރާތެއްގެ މަސްލަހަތެއް ނުވަތަ ހައްގެއް އުފަންވެދާނެ އެއްވެސްކަމެއް ނުކުރުމަށް ޓޫރިޒަމް މިނިސްޓްރީގެ މައްޗަށް ސިވިލްކޯޓުން މިއަދު އަމުރުކޮށްފިއެވެ.
މި މައްސަލައަކީ، ބ. އަތޮޅުރަށާ ގުޅިގެން އެޓޮލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްއަށް ރައްދުވާގޮތަށް ދިވެހި ދައުލަތުގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާކުރުމަށް މައުލޫއީ މައްސަލައެއް ހުށަހަޅަން ނިންމައި، އެ މައްސަލަ ހުށަހެޅުމުގެ ކުރިން ނެރެދިނުމަށް އެދުނު އަމުރެކެވެ.
އެޓޮލްސް މޯލްޑިވްސްއިން ސިވިލް ކޯޓުގައި އެދުނީ އެ މައްސަލައިގައި ގޮތެއް ކަނޑައެޅުމާ ހަމައަށް ބ. އަތޮޅުރަށާ ގުޅިގެން އިތުރު އެހެން ފަރާތެއްގެ ހައްގެއް ނުވަތަ މަސްލަހަތެއް އުފެދިދާނެ އެއްވެސް އަމަލެއް ނުކުރުމަށާއި އެފަދަ ކަމަކަށް މަގުފަހިވެދާނެ އެއްވެސްކަމެއް ނުކުރުމަށް ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް) ގެ މައްޗަށް އަންގައި ވަގުތީ އަމުރެއް ނެރެދިނުމަށެވެ.
މި ކޯޓު އަމުރު ނެރެދިނުމަށް އެފަރާތުން ހުށަހެޅީ، ބ. އަތޮޅުރަށާ، ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށް ދޫކުރުމަށް ބިޑަށް ހުޅުވާލުމުން، އެޓޮލްސް މޯލްޑިވްސް އިން ބިޑް ކާމިޔާބުކުރުމުން އެވޯޑްލެޓާ ދިނުމަށްފަހު، އެފަރާތާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު ބޭއްވި ބައްދަލުވުމުގައި، މިނިސްޓްރީގެ ފަރާތުން ބައިވެރިވި އިސް ފަރާތުން އެ ރަށަކީ އެޓޮލްސް މޯލްޑިވްސްއަށް ދީފައިވާ ރަށެއް ނޫން ކަމަށާއި، އެރަށުގެ މައްޗަށް އެހެން ފަރާތެއްގެ ހައްގެއް އުފަންވެދާނެ ފަދައަކުން ވާހަކަ ދައްކާފައިވާ މައްސަލައިގައެވެ.
މި އަމުރު ނެރެނުދީފިނަމަ، އެ ފަރާތައް ލިބިދާނެ ގެއްލުންތަކެއްވެސް ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން އެ ރަށަކީ، ގާނޫނާއި ގަވާއިދާ އެއްގޮތަށް ކާމިޔާބުކޮށްފައިވާ ރަށަކަށްވާއިރު، އެރަށް އެފަރާތުގެ ކިބައިން ވަކިކުރުމަކީ އެފަރާތުގެ ވިޔފާރިއަށް ލިބޭނެ ގެއްލުމެއް ކަމަށާއި، މި މައްސަލައަކީ ވަކި ރަށަކާ ގުޅޭ މައްސަލައަކަށްވާ އިރު، ސީދާ އެ ރަށެއް އަލުން ހޯދުމަކީ، ނުވަތަ ދިނުމަކީ އުނދަގޫކަމެއްކަމަށްވުން، އެއީވެސް އެފަރާތުގެ ވިޔަފާރިއަށް ކިބޭ ބޮޑު ގެއްލުމެއް ކަަމަށާއި، އަދި ރަށް ތަރައްގީ ކުރުމަށް މާލީގޮތުން ވެފައިވާ ތައްޔާރީތަކަކީވެސް ގެއްލުމެއްކަން ވަނީ ފާހަގަކޮށްފައެވެ.
މިއީ އަދި ހުށަހަޅާފައިނުވާ މައްސަލައަކަށްވާތީ، މިއަދުގެ ކޯޓު އަމުރުގައި، މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ މައްސަލައިގައި މައުލީގޮތުން ދައުވާ ހުށަހެޅުމަށްވެސް އެޓޮލްސް މޯލްޑިވްސްގެ މައްޗަށް ވަނީ ޝަތުރުކޮށްފައެވެ. އަދި އެ މުއްދަތު ފާއިތުވެއްޖެނަމަ މި ވަގުތީ އަމުރު ނިމުމަކަށް އަންނާނެ ކަމަށްވެސް ސިވިލް ކޯޓުގެ އެމުރުގައި ބުނެފައިވެއެވެ.
އިބްރާހިމް ޒަކީ
ސިވިލް ކޯޓް
ސިވިލް ކޯޓް
ސިވިލް ކޯޓް