އައްޑޫ ސިޓީ ކައުންސިލު އެކުލެވޭ ގޮތް ބަދަލުކުރާން ފެނޭތޯ ނަގާ ފެންނަ ނުފެންނަ ވޯޓުގެ ރީ-ރަޖިސްޓްރޭޝަން މުއްދަތު ހަމަވިއިރު 255 ފަރާތަކުން ރީ-ރަޖިސްޓްރީވުމަށް ފޯމު ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.

އައްޑޫ ވޯޓުގެ ރީ-ރަޖިސްޓްރޭޝަނަށް އީސީން ހުޅުވާލީ މިމަހުގެ 15 ވަނަ ދުވަހުގައެވެ. އީސީން ބުނެފައިވަނީ ރީ-ރަޖިސްޓްރޭޝަންވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގެ ހަވީރު 6:00 ޖެހުމާއަށް ކަމަށެވެ. ނަމަވެސް އީސީން އިއްޔެ ބުނީ ރީ- ރަޖިސްޓްރޭޝަންވުމުގެ މުއްދަތު އިއްޔެ ހަވީރު 6:00 އިތުރުކޮށްފައިވާ ކަމަށެެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އީސީގެ ރައީސް މުހައްމަދު ޒަހީދު ރޭ ވިދާޅުވީ ރީ- ރަޖިސްޓްރޭޝަނަށް ހުޅުވާލި ފުރުސަތުގައި 255 މީހަކު ވަނީ ރީ-ރަޖިސްޓްރީވުމަށް ފޯމު ހުށަހަޅާފައި ކަމަށެވެ.

ޒާހިދު ވިދާޅުވީ އޭގެ ތެރެއިން 248 މީހެއްގެ ރީ-ރަޖިސްޓްރޭޝަން މަރުހަލާ ނިމިފައިވާކަމަށެވެ. މިހާރު އީސީން ކުރަމުން އަންނަނީ ވޯޓު ކަރުދާސް ޗާޕުކުރުމާއި އައްޑޫއަށް ފޮނުވަން ޖެހޭ ވޯޓު ފޮށިތަކާއި ވޯޓު ފޮށީގައި ހުންނަން ޖެހޭ އެއްޗެހިތައް ހަމަކުރުމުގެ މަސައްކަތް ކަމަށް ޒާހިދު ވިދާޅުވިއެވެ. އެ މަސައްކަތްވެސް ގާތްގަނޑަކަށް ނިމިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމާލައި، އިދާރީގޮތުން އެހެން ހުރި ހުރިހާކަމެއް ނިމޭނެ" ޒާހިދު ވިދާޅުވިއެވެ.

އައްޑޫ ކައުންސިލު އެކުލެވޭ ގޮތް ބަދަލުކުރުމާ ބެހޭ ވޯޓު، ނެގުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ވަނަ ދުވަހުގައެވެ.

ރައީސް އޮފީހުން މިމަހުގެ 12 ވަނަ ދުވަހު ބުނެފައިވަނީ އައްޑޫ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލު ގެ ގެންނަން ފެނޭތޯ، އައްޑޫ ހުޅުދޫއާއި މީދޫއާއި ފޭދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ހިމެނޭ ސުވާލުތައް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އިސްލާހުކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެގޮތަށް ކަނޑައެޅުއްވީ، ހުޅުދޫއާއި މީދޫ، އެއް ރަށު ކައުންސިލްގެ ދަށުން ހިންގުމަށްޓަކައި އެ ދެ ރަށުގައި އެއް ކައުންސިލް އުފައްދަން ފެނޭތޯ ބެލުމަށް އޮތް ސުވާލު އުނިކުރައްވައި، ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތީން، ކުރިން ނެރުއްވި ގަރާރު އިސްލާހުކުރެއްވުމަށްފަހު މިއަދު ނެރުއްވި ގަރާރުގައި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ރައީސް އޮފީހުން ބުނެފައިވަނީ އެ ގަރާރުގައިވާ ގޮތުގެ މަތީން ހުޅުދޫއާއި މީދޫއާއި ފޭދޫގެ ނަމުގައި ކައުންސިލުތައް އުފައްދަން ސުވާލުތަކެއް ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހެޅުމަށް ނިންމަވާފައިވާ ކަމަށެވެ.

ހުޅުދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލު

1. އައްޑުއަތޮޅު ހުޅުދުއަށް ހާއްސަކުރެވިގެން، އައްޑުއަތޮޅު ހުޅުދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟

އައްޑުއަތޮޅު މީދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލު

1. އައްޑުއަތޮޅު މީދުއަށް ހާއްސަކުރެވިގެން، އައްޑުއަތޮޅު މީދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟

އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލު

1. އައްޑުއަތޮޅު ފޭދުއަށް ހާއްސަކުރެވިގެން، އައްޑުއަތޮޅު ފޭދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟