ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު ބޭއްވުމަށް މިހާރު ތާވަލުކޮށްފައިވަނީ އަންނަ މާޗު މަހުގެ 28 ވަނަ ދުވަހަށް ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބާއްވަން ކުރިން ތާވަލުކުރީ އަންނަ އޭޕްރީލަށެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި އީސީގެ ރައީސް މުހައްމަދު ޒާހިދު ރޭ ވިދާޅުވީ، ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާން އަންނަ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު ހުޅުވައިލާނެ ކަމަށެވެ.
ޒާހިދު ވިދާޅުވީ، މި ފަހަރު ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ކެންޑިޑެސީ ހުށަހަޅަން ޖެހޭނީ އިލެކްޝަންސް ކޮމިޝަންގެ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށްކަމަށެވެ.
"މި ފަހަރު ކެންޑިޑޭޓުން ކެންޑިޑެސީ ހުށަހަޅާނީ އަޅުގަނޑުމެންގެ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ޑިޖިޓަލްކޮށް. އެކަންވެސް އަޅުގަނޑުމެން ހުޅުވާލަން މި ގަސްތުކުރަނީ އިންތިހާބު އިއުލާންކޮށްފައި" ޒާހިދު ވިދާޅުވިއެވެ. .
ޒާހިދު އިތުރަށް ވިދާޅުވީ، ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިދާރީ މަސައްކަތަށް ބޭނުންވާ މުވައްޒަފުން ހޯދައި އެ މުވައްޒަފުން ތަމްރީންކުރުމުގެ މަސައްކަތް ވަރަށް ބާރަށް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އިންތިހާބުގެ ކުރިން އިލެކްޝަންގެ ޓީމުތައް އަތޮޅުތެރެއަށް ގޮސް ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން