މިވަގުތު ރާއްޖޭގެ ފުޓުބޯޅަ ހާލަތު އޮތް ގޮތުން، ޓީމެއް ބިނާކުރުމަށް ވަގުތު ނުލިބޭ ކަމަށާއި، ތަށި ހޯދަން ބޭނުން ވަނީ ފައިސާ ކަމަށް ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ.
ނަޒީހު އެހެން ބުނީ މި ހަފުތާ މެޗުތަކުގެ ކުރިން ބޭއްވި ޕްރި މެޗު ޕްރެސްގައެވެ. އިންޓަނޭޝަނަލް ބްރޭކަށްފަހު މިއަދު ލީގު ފަށާ އިރު، މިރޭ އޮންނަ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ނުކުންނާނީ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށެވެ.
މެޗާ ގުޅިގެން ބޭއްވި ޕްރެސްގައި ކޯޗު ނަޒީހު ފާހަގަކުރީ މިވަގުތު ވަރުގަދަ ފުޓްސަލް މުބާރާތެއް ކުރިއަށްދާތީ، ރަނގަޅަށް ތަމްރީނުތައް ކުރިއަށް ނުގެންދެވޭ ކަމަށެވެ. ހާއްސަކޮށް ގިނަ ކުޅުންތެރިންނަށް ކްލަބުގެ ފަރިތަކުރުންތަކަށް އެކަށީގެންވާ ގޮތެއްގައި ނުދެވޭ ކަމަށް އޭނާ ބުންޏެވެ.
އެއާއެކު ކޯޗު ބުނީ ޔުނައިޓެޑް ވިކްޓަރީއަށް ގަދަ ހައެއްގައި ނިންމާލެވެން ޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
"އަސްލު ނިންމާލަން ބޭނުން ވަނީ އެންމެ މަތީގައި. އެކަމަކު އެއީ ރިއަލިސްޓިކް ކަމެއް ނޫން. އެއީ ހުދު ދައްކާފައި މިއީ ކަޅޭ ބުނުން ކަހަލަ ކަމެއް. ޔޫވީގެ އަސްލު މިއޮތް ސްކޮޑަށް ބަލާ އިރު، ޔޫވީ ނިންމަން ޖެހޭނެ ހައެއްގެ ތެރޭގައި. ފަހެއް ހަތަރަކަށް އަރައިފިއްޔާ އެއީ ވަރަށް ރަނގަޅު ނަތީޖާއެއް،" ނަޒީހު ބުންޏެވެ.
ނަޒީހު ބުނީ ޔޫވީން ބޮޑަށް މަސައްކަތް ކުރަނީ "ހައިޕް ބިލްޑް ކުރުމުގެ" ދަންތުރައެއްގައި ބޮޑަށް ނުޖެހި، "ތަންކޮޅެއް ރީތިކޮށް،" މުބާރާތް ނިންމާލަން ކަމަށެވެ.
އެއާއެކު ކޯޗު ބުނީ ޓީމެއް ބިނާކުރުމަށް ޗެލެންޖްތަކެއް އެބަހުރި ކަމަށާއި، ރާއްޖޭގައި ކާމިޔާބު ހޯދަން މިވަގުތު ބޭނުން ވަނީ ފައިސާ ކަމަށެވެ.
"މި ރާއްޖޭގައި ފައިސާ ހުރިއްޔާ ކާމިޔާބު ހޯދޭނެ. ޓީމެއް، ކުޅުންތެރިން ބިލްޑް ކުރާން ވަގުތެއް ނުލިބޭ. ދެން 10 ވަރަކަށް މިލިއަން ރުފިޔާ ހުރިއްޔާ ތަށި ހޯދާ ޓީމެއް ހަދައިގެން ނުކުންނާނީ. ކޮންމެ ފަހަރަކުވެސް ދިމާވަނީ މިހެން. ޔޫވީ ކަހަލަ ޓީމެއް ނަގައިގެން އެ މަސައްކަތް ކުރަން ޖެހެނީ. މިފަހަރު ދެން ނަތީޖާ ނެރޭނަން. ކޮންމެވެސް ޓީމެއް މާޔޫސް ކޮށްލާނެ ނަތީޖާއެއް ހޯދާނަން،" ނަޒީހު ބުންޏެވެ.
ނަޒީހު އިތުރަށް ބުނީ މިހާރު މި ތަމްރީނު ކުރަން ޖެހިފައި އޮތީ "ފުރޮޅު ލީ ދަނޑެއްގައި،" ކަހަލަ ދަނޑެއްގައި ކަމަށެވެ. "ދަނޑުގައި މިވަގުތު ހުސް ރަބަރު އޮތް ނަމަވެސްއެއީ އަލަށް އެފްއޭއެމްގެ ރައީސް ކަމާ ހަވާލުވި އަހުމަދު ތޯރިގު (ޓޮމް) ގެ ޒިންމާއެއް ނޫން ކަމަށާއި، ޓޮމް ކުރަން އެއަށްވުރެ މުހިއްމު ކަންތައްތަކެއް އެބަހުރި ކަމަށްވެސް އޭނާ ބުންޏެވެ.
"ދަނޑަކީވެސް ވަރަށް މުހިއްމު ކަމެއް. ވިސްނާލަން ޖެހޭ ތަންކޮޅަކީ އެތާގައި ކޮންމެ ދުވަހަކު އެއް ހާފުގައި ޓްރެއިނިން ހަދައިގެން، ޔުނައިޓެޑް ވިކްޓަރީން ކޮންމެ ދުވަހަކު ޕްރެކްޓިސް ނިންމާލާނެ 5:30 ގަ. ޓްރެއިނިން އަވަހަށް ނިމޭ ކަމަށްވަންޏާމު 5:25 ގަ، އެއީ އަނެއް މީހުންނަށް ވެސް ތައްޔާރުވެލަން މާކަރު އަޅާލައި ކަންކަންކުރަން ވަގުތު ދޭނެ. ދެން ކުޑަކުދިން އަންނަ ދުވަސް ދުވަހު، 7:00 ޖަހާއިރު އޮންނަ ޕްރެކްޓިސްއަށް އެ ކުދިން އަންނާނެ 6:45 އަށް. އެ ކުދިން އެތާ އުޅޭ ވަގުތު ބާރަށް ބޯޅައެއްވެސް ޖަހާލަން އުނދަގޫވާނެ،" ޕްރެކްޓިސްތަކަށް ހުރި ކަންބޮޑުވުންތަކަށް ކޯޗު ނަޒީހު ބުންޏެވެ.
މުޙައްމަދު ޝަމްޢޫން
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު