މިފަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގު ސީޒަން އެއްވެސް ކްލަބަކަށް ފަސޭހަ ނުވާނެ ކަމަށް ބުރު ސްޕޯޓްސް ކްލަބުގެ ކޯޗު، މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.
އިންޓަނޭޝަނަލް ބްރޭކަށް ލީގު މެދުކަނޑާލުމަށްފަހު، ލީގު މެޗުތައް މިއަދު އަލުން ފަށާނެއެވެ. އެންމެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ގްރީން ސްޓްރީޓްސް ނުކުންނާނީ ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
މިވަގުތު ލީގު ތާވަލުގެ އެއްވަނައިގައި އޮޑި ސްޕޯޓްސް ކްލަބު އޮތް އިރު، އެޓީމުން ވަނީ ކުޅުނު ތިން މެޗުންވެސް މޮޅުވެފައެވެ. އޭގެ އިތުރުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަނާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުންވެސް ވަނީ ކުޅުނު ތިން މެޗުން ނުވަ ޕޮއިންޓް ހޯދާފައެވެ.
މިވަގުތު ހަތަރު ވަނައިގައި އޮތް ބުރު ސްޕޯޓްސް ކްލަބު އޮތީ ހަތަރު ޕޮއިންޓާއެކުގައެވެ. ފަސް ވަނައިގައި އޮތް ކްލަބް ގްރީން ސްޓްރީޓްސް، ހަ ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)، ހަތް ވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބް އަދި އަށް ވަނައިގައި އޮތް ކްލަބް ވެލެންސިއާ އަށް ތިން ޕޮއިންޓް ލިބިފައިވެއެވެ. އަދި ނުވަ ވަނައިގައި އޮތް ކްލަބް އީގަލްސްއަށް ޕޮއިންޓެއް ލިބިފައިވާ އިރު، ފުލުގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް އަދި ޕޮއިންޓެއް ނުލިބެއެވެ.
"މިސީޒަނަކީ ވަރަށް ވާދަވެރި ސީޒަނެއްގެ ގޮތުގައި މިފެނިގެންދަނީ. ހުރިހާ ޓީމުތަކުން ވެސް ޕޮއިންޓް ނަގާނެ. މިސީޒަން އެއްވެސް ކުލަބަކަށް ފަސޭހައެއް ނުވާނެ." ނިޒާމްބެ ބުންޏެވެ.
ބުރަކީވެސް ވަރުގަދަ ޓީމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކޮށްފައިވާ އިރު، ނިޒާމްބެ ބުނީ ވަރުގަދަ ޓީމުތައް ލިސްޓް ކުރަން އަދި އަވަސް ކަމަށެވެ.
"ތަންކޮޅެއް އަވަސް ކަންނޭނގެ އެލިސްޓަށް ނަން ކިޔަން ފަައްޓަން. އަދި މެޗުތައް މިކުޅެވުނު ގޮތުން ވެއްޖިއްޔާމު ބައެއް ޓީމުތައް މިހުރީ ބޮޓޮމް ޓީމުތަކާ އެއްކޮށް ކުޅެފަ، އަނެއްކާ ގިނަ ޓީމުތައް ރަނގަޅަށް ޕްރިޕެއާ ނުވެ، ފޮރިން ޕްލޭޔަރުން ވެސް ނުލައި، ނޫނިއްޔާ ކޯޗުންވެސް ނުލައި ކުޅުނު މެޗުތަކުގެ ނަތީޖާތައް މިހުރީ،" ނިޒާމްބެ ބުންޏެވެ.
ނިޒާމްބެ ބުނީ ވަރުގަދަ ޓީމުތަކަށް އެއްޗެކޭ ބުނަން އެނގޭނީ ފުރަތަމަ ބުރު ނިމުމުން ކަމަށާއި، އަދި ބުރުންވެސް އަންނަނީ މަޑުމަޑުން ރަނގަޅު މެންޓާލިޓީއަކަށް ހޭނެމުން ކަމަށެވެ. އޭނާ ބުނީ ކުޅުންތެރިން "ވިނިން މެންޓާލިޓީއަކަށް" ހާނަން ވަގުތު ނަގާނެ ކަމަށާއި، އެއީ ފުޓުބޯޅައިގެ ބްރޭކް ބޮޑުވުމުން ކަމަށެވެ.
އެކަން ފުރަތަމަ ޗެލެންޖަކަށް ވި ނަމަވެސް، މިދިޔަ ބްރޭކަކީ 99 ޕަސެންޓް ކުޅުންތެރިން ޕްރެކްޓިސްތަކަށް ދިޔަ ބްރޭކެއް ކަމަށާއި، އެއިން ފެންނަނީ މެންޓާލިޓީއަށް އަންނަ ބަދަލު ކަމަށްވެސް ނިޒާމްބެ ފާހަގަކުރިއެވެ.
މުޙައްމަދު ޝަމްޢޫން
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު