ރިސޯޓެއް ހިންގަމުން އައި ބ. ކިހާދުއްފަރުގެ އެއްބަސްވުން ބާތިލުކުރަން ޓޫރިޒަމް މިނިސްޓްރީން ފޮނުވި އެންގުމަށް އަމަލުކުރުން މަޑުޖައްސަލާން އަމުރުކޮށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.
ސިވިލް ކޯޓުން އެ އަމުރު ނެރުނީ، އެ ރިސޯޓުގެ ހެޑްލީސް އޮންނަ އަތަމާ މެރިން އިންޓަނޭޝަނަލުން އެ ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
އަތަމާއިން މި އަމުރަށް އެދުނީ އެ ރިސޯޓު ހިންގަނީ ހުއްދަ ނެތި ކަމަށް ބުނެ ޓޫރިޒަމުގެ ޓީމަކުން އެ ރަށަށް އަރައި، އެ ތަން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންނަން ބޭނުންވާ ކަމަށް ބުނެ، ތަނުގެ ތަޅުދަނޑިތައް ހަވާލުކުރުމަށް އެންގުމުންނެވެ.
ކޯޓުން ނެރުނު އަމަރުގައި ވަނީ އެއްބަސްވުން ބާތިލުކުރަން ޓޫރިޒަމުން ފޮނުވި ނޯޓިހަށް އަންނަ މަހުގެ ދެ ވަނަ ދުވަހާ ހަމައަށް އަމަލު ކުރުން ފަސްކުރުމަށާއި ކިހާދުއްފަރާ ގުޅިގެން ތިން ވަނަ ފަރާތެއްގެ މަސްލަހަތު އުފަން ވާނެ ކަމެއް ނުކުރުމަށް އަމުރުކޮށްްފައެވެ.
ޓޫރިޒަމް މިނިސްޓްރީން ވަނީ، އެ ރިސޯޓަށް ދީފައިވާ ވަގުތީ އޮޕަރޭޓިން ލައިސަންސްގެ މުއްދަތުވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހަށް ހަމަވެފައިވާ ކަމަށް ބުނެފައެވެ. އެ މުއްދަތު ފަހަނައަޅައިދިޔައިރުވެސް ކަންކަން ރަނގަޅުކޮށްފައިނުވާ ކަމަށް ބުނެފައިވެއެވެ.
މިނިސްޓްރީން ބުނެފައިވާ ގޮތުގައި ހުއްދަ ނެތި އެ ރިސޯޓު ހިންގާތީއާއި އެ ކުންފުނިން ހުއްދަ ނެތި އެ ރަށުގައި ޓޫރިސްޓުން ބައިތިއްބާތީ، ދެ ފަހަރެއްގެ މަތިން އެ ކުންފުނި ޖޫރިމަނާ ކޮށްފައިވާ ކަމަށާއި އަދިވެސް ހައްލެއް ނުލިބޭތީ ކަމާބެހޭ އިދާރާތަކާ ގުޅިގެން އެ ކުންފުންޏަށް ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިނިސްޓްރީން ވަނީ އެ ރަށުގެ އެއްބަސްވުންވެސް ބާތިލުކޮށްފައެވެ.
މިނިސްޓްރީން ވަނީ ކިހާ މޯލްޑިވްސް ރިސޯޓަށް ޓޫރިސްޓުން ގެންދިއުމަށް އެއްވެސް މުއާމަލާތެއް އެއްވެސް ސިފައެއްގައި އެއްވެސް ފަރާތަކުން ނުކުރުމަށްވެސް މީގެ ކުރިން އަންގައިފައެވެ.
އަލީ ޔާމިން
ސިވިލް ކޯޓް
ސިވިލް ކޯޓް
ސިވިލް ކޯޓް