އައްޑޫ ސިޓީ ކައުންސިލު އެކުލެވޭ ގޮތް ބަދަލުކުރާން ފެނޭތޯ ނަގާ ފެންނަ ނުފެންނަ ވޯޓުގެ ރީ-ރަޖިސްޓްރޭޝަން މުއްދަތު އިލެކްޝަން ކޮމިޝަން (އީސީ)ން އިތުރުކޮށްފިއެވެ.

އީސީން މިމަހުގެ 15 ވަނަ ދުވަހު ގެޒެޓުގައިކުރި އިއުލާނެއްގައި ބުނީ ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުސަތު އެދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ އިރުއޮއްސި 06:00 ގެ ނިޔަލަށް ހުޅުވާލި ކަމަށެވެ.

ނަމަވެސް މިއަދު އީސީން ކުރި އިއުލާނުގައި ބުނީ އެ މުއްދަތު މިއަދުގެ އިރުއޮއްސި 06:00 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

އެ ވޯޓު ނެގުމުގައިގައި ރަޖިސްޓަރީ ވާން ޖެހޭ އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫގެ ރައްޔިތުންގެ ތެރެއިން، ވޯޓުލާން ރަޖިސްޓަރީކުރެވިފައިވާ ތަން ޗެކްކޮށް، މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވެފައިވާ ރަށް ނޫން ރަށަކަށް ވޯޓުލާން ބޭނުންވާ ފަރާތްތަކުން ވޯޓުލުމަށް ރަޖިސްޓަރީވުމަށް ހުށަހަޅަން ޖެހެއެވެ. އެގޮތުން ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ އީސީގެ، 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް'form.elections.gov.mv) (ނުވަތަ 'މައި ޕޯޓަލް (my.elections.gov.mv( މެދުވެރިކޮށް އޮންލައިން ކޮށެވެ.

އީސީން ވަނީ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މާލެ، ހުޅުމާލެ، ވިލިމާލެ، ފޭދޫ، ހުޅުދޫ އަދި މީދޫ ގައި ވޯޓުލާން ރަޖިސްޓަރީކުރި ފަރާތްތަކުގެ ތެރެއިން، އައްޑޫގެ ފޭދޫ، ހުޅުދޫ އަދި މީދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ އާންމު ވޯޓުގައި ވޯޓު ދިނުމުގެ ހައްގު ލިބޭ ފަރާތްތައް ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ ތަންތަން އާންމުކޮށްފައެވެ.

އޭގައިވާ ގޮތުން ފޭދޫގެ 4،355 މީހަކަށް މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިިބިގެންވެއެވެ. ހުޅުދޫގެ 2،874 މީހަކަށް އަދި މީދޫގެ 2،347 މީހަކަށް އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވެއެވެ.

ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާ ތަންތަނާއި ވޯޓު ފޮށީގެ އަދަދުތައް:

  • ހުޅުދޫގައި ތިން ފޮށި.
  • މީދޫގައި ތިން ފޮށި.
  • ފޭދޫގައި ފަސް ފޮށި.
  • މާލޭގައި ހުޅުދޫ ރައްޔިތުންނަށް ތިން ފޮށި.
  • މާލޭގައި މީދޫއަށް ހާއްސަ އެއް ފޮށި.
  • މާލޭގައި ފޭދޫ މީހުންނަށް ތިން ފޮށި