ސެންޓަ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ދެ މިލިއަން ޑޮލަރު ދައްކަން ކުރި ހުކުމް، ހެލްތު މިނިސްޓްރީން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
މި މައްސަލައަކީ ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސް (ހެލްތު މިނިސްޓްރީ /ދިވެހި ދައުލަތް) އާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ރަށްރަށުގެ ހެލްތު ސެންޓަރުތަކަށާއި ހެލްތު ޕޯސްޓް ތަކާއި ރީޖަނަލް ހޮސްޕިޓަލްތަކަށް ފޯރުކޮށްދީފައިވާ ސިއްހީ ހިދުމަތާބެހޭ ސާމާނުތަކަށް ދައުލަތުން ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން ހުށަހެޅި މައްސަލައެކެވެ.
ދައުލަތާ ދެކޮޅަށް ސިވިލް ކޯޓުގައި ކުރި މި ދައުވާގައި ސެންޓަ އެންޓްޕްރައިސަސްގެ ފަރާތުން އެދުނީ ދައުލަތުން ދައްކަން ޖެހޭ ދެ މިލިއަން ޑޮލަރާއި ދައުލަތުން މި ފައިސާ ދައްކާފައި ނުވާތީ، ސާޗާޖަށް ލިބެން ޖެހޭ 3.6 މިލިޔަން ޑޮލަރާއެކު ޖުމުލަ 5.1 މިލިޔަން ޑޮލަރު ދައުލަތުން ނަގައިދުނުމަށެވެ.
ނަމަވެސް 28 މާޗް 2023 ގައި ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ ސާޗާޖުގެ ގޮތުގައި ހޯދުމަށް އެދިފައިވާ 3.6 މިލިޔަން ޑޮލަރަކީ ނަގައިދެވޭނެ ފައިސާއެއް ކަމަށް ނުދެކޭ ކަމަށެވެ. ނަމަވެސް އެ ތަކެއްޗަށް ދައްކަން ޖެހޭ ކަމަށް ސެންޓަ އެންޓްޕްރައިސަސް އިން ބުނެފައިވާ ދެ މިލިއަން ޑޮލަރަކީ ދައުލަތުން ދައްކަން ޖެހޭ ފައިސާއެއްކަން ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ކުންފުންޏަށް ފައިސާ ލިބިދިނުމުގެ ގޮތުން އެ އަހަރުގެ އޭޕްރީލް މަހުގެ 28 ގެ ކުރިން އެ ފައިސާ ސިވިލް ކޯޓަށް ދައްކަން އެ ކޯޓުން ހުކުމް ކުރިއެވެ.
ނަމަވެސް ހުކުމާ މެދު ހިތްހަމަނުޖެހިގެން ހެލްތު މިނިސްޓްރީން އެ މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ.
އެ މައްސަލައިގައި މިދިޔަ ފެބްރުއަރީ މަހުގެ 11 ގައި ހައިކޯޓުން ހުކުމްކުރީ ސިވިލްކޯޓުގެ ހުކުމް ބާތިލު ކުރާން ޖެހޭ ޝަރުއީ ނުވަތަ ގާނޫނީ ސަބަބެއް ނެތް ކަމަށް ކަނޑައަޅާ ކަމަށެވެ.
މި މައްސަލައިގައި ހައިކޯޓުން ކުރި ހުކުމާއި ސިވިލްކޯޓުގެ ހުކުމް ކުރީ، ޝަރުއީ އަދި ގާނޫނާ ހިލާފަށް ކަަމަށް ނިންމައިދިނުމަށާއި، އެ ފައިސާއަކީ ދައުލަތުން ދޭން ޖެހޭ ފައިސާއެއް ނޫންކަަމަށް ކަނޑައަޅިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މި މައްސަލައިގައި ދައުލަތުން ވަނީ އިސްތިއުނާފީ ފަސް ނުކުތާއެއް ފާހަގަ ކޮށްފައެވެ.
އިބްރާހިމް ޒަކީ
މިނިސްޓްރީ އޮފް ހެލްތް
މިނިސްޓްރީ އޮފް ހެލްތް
މިނިސްޓްރީ އޮފް ހެލްތް