ހުޅުމާލޭގެ އެކި ސަރަހައްދުތަކުގެ ދުވާރުމަތީގައާއި ހެޖުތެރޭގައި ބަހައްޓާފައި ހުންނަ ގޮނޑި އަދި މޭޒުތައް ފަދަ ތަކެތި ނެގުމުގެ މަސައްކަތް އަނެއްކާވެސް ފެށުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.

އެޗްޑީސީން ވަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގެ ދުވާރުމަތީގައާއި ހެޖުތެރޭގައި ގޮނޑި އަދި މޭޒުތައް ފަދަ ތަކެތި ބަހައްޓާ މައްސަލަ ބޮޑުވުމާ ގުޅިގެން މިދިޔަ އަހަރު ވެސް އެތަކެތި ނެގުމުގެ މަސައްކަތްކޮށްފައެވެ.

އެޗްޑީސީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ގިނަ ފަރާތްތަކަކުން އަދިވެސް އެ ސަރަހައްދުތަކުގައި ގޮނޑިއާއި މޭޒު ޖަހައިގެން ކެފޭ ހިދުމަތް ދެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިވާގޮތަށް، ދުވާރުމައްޗާއި ހެޖުތެރޭގައި ގޮނޑިއާއި މޭޒު ބަހައްޓައިގެން ވިޔަފާރި އުސޫލުން ބޭނުންކުރުމަކީ މަނާކަމެއް ކަމަށެވެ.

އޭގެ އިތުރުން، ބިޔަވާ ޒާތުގެ ގަސްތައް ހެޖުތެރޭގައި އިންދާފައި ހުރުމުގެ ސަބަބުން، ހުޅުމާލޭގެ މަގުތަކަށް ޖަމާވާ ފެން ހިންދުމަށް ދަތިވެ، މަގުތަކުގައި ފެން ބޮޑުވުމާއި ތާރުގަނޑު ހަލާކުވުން ފަދަ މައްސަލަތައް ދިމާވާތީ، އެފަދަ ބިޔަ ގަސްތައް ނެގުމުގެ މަސައްކަތްކުރުމަށް ނިންމާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

"ވީމާ، ހުޅުމާލޭގެ ދުވާރުމައްޗާއި ހެޖުތެރޭގައި ބަހައްޓާފައިވާ އެންމެހާ ގޮނޑިއާއި މޭޒު ފަދަ ތަކެތި، 23 އޮކްޓޯބަރު 2025 ވާ ބުރާސްފަތި ދުވަހުގެ ކުރިން ނެންގެވުން އެދެމެވެ. އަދި މި މުއްދަތުގެ ތެރޭގައި އެތަކެތި ނަގާފައި ނުވާނަމަ، ހުޅުމާލޭގެ ދުވާރުމައްޗާއި ހެޖުތެރޭގައި ބަހައްޓާފައިވާ ގޮނޑިއާއި މޭޒު ފަދަ ތަކެއްޗާއި، ހެޖުތެރޭގައި ހައްދާފައިވާ ބިޔަ ގަސްތައް ނަގައި، އެ ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން މި ކޯޕަރޭޝަނުން ކުރިއަށްގެންދާނެ ވާހަކަ އާންމުކޮށް އަންގައި އިއުލާންކުރަމެވެ..،" އެޗްޑީސީގެ އިއުލާނުގައި ބުންޏެވެ.

އެޗްޑީސީން އިތުރަށް ބުނީ އެ މަސައްކަތުގެ ތެރެއިން މުދަލަށް ލިބިދާނެ ގެއްލުމަކަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެ ކަމަށާއި އަދި އެފަދަ ކަންކަމުގައި އާންމު ރައްޔިތުންނާއި ވިޔަފާރިތަކުގެ ފަރާތުން ދޭ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށެވެ.