މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގެ ގޮތުން އެކަމާ ގުޅޭ އުސޫލެއް ކަސްޓަމުން ހަދައި މިއަދު ގެޒެޓުކޮށްފިއެވެ.

"ކަސްޓަމްސްއަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" ގައިވާ ގޮތުން ކަސްޓަމްސްއަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރާނީ ވަކި ޝަރުތުތަކެއް ފުރިހަމަވަންޏާ އެެވެ.

އެ ޝަރުތުތަކަކީ ކަސްޓަމްސްއަށް ދައްކަން ޖެހޭ ފައިސާ ހޯދުމާއި، ވަގުތީގޮތުން ހިދުމަތް މެދުކަނޑައިލުމުގައި، އަމަލުކުރާ އުސޫލުގެ ދަށުން ފައިސާ ދައްކަން އަންގައިފައިވުމާއި، އެ އެންގުމުގެ މުއްދަތު ފާއިތުވެފައިވުމެވެ. އަދި ނުދައްކާ ހުރި ފައިސާގެ ޖުމުލަ އަދަދު 10،000 ރުފިޔާ ނުވަތަ އެއަށް ވުރެ އިތުރުވުމެވެ.

އުސޫލުގައިވާ ގޮތުން ފައިސާ ނުދައްކާ މީހުންގެ ނަން އެންމެ ފުރަތަމަ އާންމުކުރާނީ ކަސްޓަމަސްގެ ވެބްސައިޓުގައެވެ. އެއަށްފަހުވެސް ފައިސާ ނުދައްކައި 15 ދުވަސް ވެއްޖެނަމަ ގެޒެޓުގައާއި ކަސްޓަމަސްގެ ސޯޝަލް މީޑިއާގެ އެކައުންޓު މެދުވެރިކޮށް ފައިސާ ނުދައްކާ މީހުންގެ ނަން ހާމަކުރެވޭނެ ކަމަށް އުސޫލުގައިވަނީ ބަޔާންކޮށްފައެވެ.

ކަސްޓަމްސްއަށް ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން، މަދުވެގެން ކޮންމެ ދެމަހަކުން އެއް ފަހަރު އާންމު ކުރަންވާނެކަމަށް އުސޫލުގައިވަނ ބަޔާންކޮށްފައެވެ.

އުސޫލުގެ ދަށުން ނަން ހާމަކޮށްފައިވާ ފަރާތަކުން އެ ފަރާތުން ކަސްޓަމްސްއަށް ދައްކަން ޖެހޭ ފައިސާ ދައްކައިފި ނަމަ ނުވަތަ އެ ފައިސާ ދައްކާނެ ގޮތަކާމެދު ކަސްޓަމްސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި ނަމަ، އެ ފަރާތުގެ ނަން އުނިކުރެވޭނެ އެވެ. ނަމަވެސް، ގެޒެޓުގައި ޝާއިއުކުރުމަށްފަހު އެ ފަރާތެއްގެ ނަން އެ ލިސްޓުން އުންޏެއް ނުކުރެވޭނެ ކަމަށް އުސޫލުގައިވަނީ ބަޔާންކޮށްފައެވެ.

އުސޫލުގެ ދަށުން ނަން ހާމަކުރުމުން އިސްތިސްނާވާ ފަރާތްތައް:

  • ދައުލަތުގެ އިދާރާތައް
  • ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތައް
  • ސަރުކާރުގެ ޕްރޮޖެކްޓްތަކުގެ ތެރެއިން ހިނގަމުންދާ ޕްރޮޖެކްޓް / ޕްރޮޖެކްޓް ހިންގާފަރާތް
  • މަރުވެފައިވާ މީހުން

ފައިސާ ނުދައްކައިގެން ނަން ހާމަކުރާ ފަރާތްތަކުގެ ތެރެއިން، ޝަކުވާއެއް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ފަސް ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް އުސޫލުގެ ދަށުން އުފައްދާ ސްޓިއަރިން ކޮމިޓީއަށް ހުށަހަޅަންވާނެ ކަމަށް އުސޫލުގައިވަނީ ބަޔާންކޮށްފައެވެ. އެ ކޮމިޓީން ޝަކުވާތައް 10 ދުވަހުގެ ތެރޭގައި ބަލައި ނިންމަން ވާނެކަމަށް އުސޫލުގައިވަނީ ބަޔާންކޮށްފައެވެ. ސްޓިއަރިން ކޮމިޓީގައި ތިބެންވާނީ ފަސް މެންބަރުންކަމަށް އުސޫލުގައިވަނީ ބަޔާންކޮށްފައެވެ.

އުސޫލަށް އަމަލުކުރަން ފަ ށާއިރު، ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާ ހޯދުމާއި، ވަގުތީގޮތުން ހިދުމަތް މެދުކަނޑައިލުމުގައި އަމަލުކުރާ އުސޫލާ އެއްގޮތަށް ފައިސާ ދެއްކުމަށް ލިޔުމުން މުއާމަލާތްކޮށްފައިވާ ފަރާތްތައް އެއީ މި އުސޫލުގެ ބޭނުމަށް ނޯޓިސް ދެވިފައިވާ ފަރާތްތައް ކަމުގައިބަލައ،ި އެ ފަރާތްތަކުގެ ނަންތައް މި އުސޫލުގެ ދަށުން ނެރޭ ފުރަތަމަ ލިސްޓުގައި ހިމަނަން ވާނެކަމަށް އުސޫލުގައިވަނީ ބަޔާންކޮށްފައެވެ.

މި އުސޫލަށް މިއަދުން ފެށިގެންވަނީ އަމަލުކުރަން ފަށައިފައެވެ.