އެފްރިކާގެ ވޯލްޑް ކަޕް ކޮލިފިކޭޝަން ގްރޫޕް ސްޓޭޖުގެ ކުޅުން ނިމުނު އިރު، ފުރަތަމަ ނުވަ ޖާގާގައި ވޯލްޑް ކަޕަށް ކޮލިފައިވި ޓީމުތައް ޔަގީންވެއްޖެއެވެ.

އެފްރިކާގެ ވޯލްޑް ކަޕް ކޮލިފިކޭޝަން ނުވަ ގްރޫޕެއްގެ މެދުގައި ކުރިއަށް ގެންގޮސްފައިވާ އިރު، އޭގެ ތެރެއިން ވޯލްޑް ކަޕްގެ ސީދާ ޖާގަ ލިބެނީ ގްރޫޕްގެ އެއްވަނަ ޓީމުތަކަށެވެ. ދެން ޕްލޭ އޮފް އިން ފުރުސަތު ލިބޭނީ ނުވަ ގްރޫޕްގެ ތެރެއިން ދެވަނައަށް ދިޔަ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ހަތަރު ޓީމަށެވެ.

ރޭގެ މެޗުތަކަށް ނުކުތްއިރުވެސް މޮރޮކޯ، ޓިއުނީސިއާ، މިސްރު، އަލްޖީރިއާ އަދި ގާނާއާއި ކޭޕް ވޭޑަށް އޮތީ އަންނަ އަހަރު އުތުރު އެމެރިކާގައި އޮންނަ ވޯލްޑް ކަޕް ޖާގަތައް ޔަގީންވެފައެވެ.

ބާކީ ހުރި ގްރޫޕްތަކުގެ ނަތީޖާ ކަނޑައެޅި މެޗުތަކަށް ބަލާއިރު، އައިވޮރީ ކޯސްޓުން ގްރޫޕް އެފްގެ އެއްވަނަ ޔަގީންކުރީ ރޭ ކެންޏާ ކައިރިން 3-0 އިން މޮޅުވެގެންނެވެ. އެމެޗުގައި އައިވޮރީ ކޯސްޓްގެ ގޯލްތައް ޖެހީ ފްރޭންކް ކެސީއާއި ޔޭން ޑިއޮމާންޑޭ އަދި މެންޗެސްޓާ ޔުނައިޓެޑްގެ އަމަޑެވެ.

ސެނެގާލުން ގްރޫޕް ބީގެ އެއްވަނަ ހޯދީ މޮރިޓާނިއާ ކައިރިން 4-0 އިން މޮޅުވެގެންނެވެ. އެމެޗުގައި ސެނެގާލް ގޯލްތައް ޖެހީ ސަޑިއޯ މާނޭއާއޮ އިލިމަން އެންޑިޔޭ އަދި ހަބީބޫ މުހަމަޑޫ ޑިއާލޯއެވެ. މާނޭ ވަނީ މެޗުގައި ދެ ގޯލް ޖަހައިފައެވެ.

ސައުތު އެފްރިކާއިން ރްވާންޑާ ކައިރިން 3-0 އިން މޮޅުވެ ގްރޫޕް ސީގެ އެއްވަނަ ޔަގީންކުރި އިރު، ސައުތު އެފްރިކާއިން ގޯލްތައް ޖެހީ ތަލެންޓޭ އެމްބަތާއާއި އޮސްވިން އަޕޮލިސް އަދި އެވިޑެންސް މަކްގޯޕާއެވެ.

އެފްރިކާގެ ކޮލިފިކޭޝަން ގްރޫޕް ސްޓޭޖު ރޭ ނިމުމާއެކު އެންމެ ރަނގަޅު ނަތީޖާތައް ހޯދި ދެވަނަ ޓީމުތަކުގެ ގޮތުގައި ޕްލޭ އޮފްއަށް ދިޔައީ ކެމަރޫނާއި ޑީއާރް ކޮންގޯގެ އިތުރުން ގެބޯންއާއި ނައިޖީރިއާއެވެ.