ލިވަޕޫލާ ދެކޮޅަށް ޕްރިމިއާ ލީގުގައި ކުޅުނު މެޗުގެ ފަހުވަގުތު އުފާފާޅުކުރުމުގެ ގޮތުން ޗެލްސީ ކޯޗު އެންޒޯ މަރެސްކާ 1 މެޗަށް ސަސްޕެންޑް ކުރަން ޕްރިމިއާ ލީގުން ނިންމައިފިއެވެ.

ލިވަޕޫލާއި ޗެލްސީ ކުޅުނު މެޗުގެ ފަހު މިނެޓުގައި ޗެލްސީ މޮޅުވި ގޯލް ޖެހީ އެޓީމުގެ ބްރެޒިލް ތަރި އެސްޓެވާއޯ ވިލިއަމް އެވެ. އެ ގޯލާއެކު އުފާފާޅުކުރުމަށް މަރެސްކާ ވަނީ އޭނާގެ ބެންޗް ދޫކޮށް، އެސްޓެވާއޯ ގާތަށް ގޮސްފައެވެ. މަރެސްކާ ޓެކްނިކަލް އޭރިއާ ދޫކޮށްލުމުން މެޗުގެ ރެފްރީ އެންތަނީ ޓެއިލާ ވަނީ މަރެސްކާއަށް ދެވަނަ ރީނދޫ ކާޑެއް ދައްކައި، ރަތް ކާޑާއެކު ބެންޗުން ފޮނުވާލައިފައެވެ.

ޕްރިމިއާ ލީގުން ބުނީ މަރެސްކާއަށް ފިޔަވަޅު އެޅީ އާއްމު އުސޫލާ ހިލާފަށް މެޗުގައި އަމަލުކުރުމުން ކަމަށާއި، މެޗުގެ ފަހު ވަގުތު މަރެސްކާ ބެންޗުން ފޮނުވާލީވެސް އެހެންވެ ކަމަށެވެ.

އޭގެ އިތުރުން ޕްރިމިއާ ލީގުން ބުނީ މަރެސްކާ، އެ ކުށް ގަބޫލުކޮށް، އެކަމުގައި ދިން އަދަބުވެސް ގަބޫލުކޮށްފައިވާ ކަމަށެވެ. މަރެސްކާ 1 މެޗަށް ސަސްޕެންޑް ކުރުމުގެ އިތުރުން ޕްރިމިއާ ލީގުން ވަނީ އޭނާ 8،000 ޕައުންޑުން ޖޫރިމަނާވެސް ކޮށްފައެވެ.

މަރެސްކާ ޗެލްސީއާ ހަވާލުވީ މިދިޔަ އަހަރު ޖޫން މަހުގައެވެ. މިއީ އޭނާއަށް ކުރިމަތިވި ދެވަނަ ސަސްޕެންޝަނެވެ. މީގެ ކުރިން އޭނާ ސަސްޕެންޑް ކުރީ ފުލްހަމްއާ ދެކޮޅަށް ކުޅުނު މެޗުގެ 93 ވަނަ މިނެޓުގައި ޕެޑްރޯ ނެޓޯ ޖެހި ގޯލެއްގައި އުފާފާޅުކުރި ގޮތުންނެވެ.