ށ. ފުނަދޫ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.

ށ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ފުނަދޫގައި މިރޭ ބޭއްވި ޖަލްސާގައި އެ މަޝްރޫއުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.

އެ ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ފުނަދޫ ކައުންސިލްގެ މެންބަރުން އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޓީސީސީން ބުނީ 2800 މީހުންގެ އާބާދީއެއް އޮންނަ ފުނަދޫ ރައްޔިތުންނަށް މިއަދު ސޮއިކުރެވުނު މަޝްރޫއުގެ މަސައްކަތް ނިމުމާއެކު، ތާރު އަޅާފައިވާ ޒަމާނީ މަގުތަކެއް ލިބިގެންދާނެ ކަމަށާއި ވިއްސާރަވެ ފެންބޮޑުވުމުގެ ސަބަބުން، ހިނގާބިނގާވެ އުޅުމަށާއި، އުޅަނދުފަހަރު ދުއްވުމަށް ދިމާވާ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން، ޖުމުލަ 3.85 ކިލޯމީޓަރުގެ މަގު ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން، ފެންހިންދާ ނިޒާމެއް ހަރުކުރުމާއި، ސާވިސް ލައިން އެޅުމާއި، ގުދުރަތީ ގޮތުން ފެންގަނޑު ހިނދޭ ނިޒާމެއް ހަރުކުރުމާއި، ޕޭވްމަންޓެއް ހެދުމާއި، ދުއްވާ ސަރަހައްދެއް ގާއިމުކުރުމާއި، މަގު ބައްތި ހަރުކުރުމަށް ވެސް ހަމަޖެހިފައިވެއެވެ.

އެ މަޝްރޫއަކީ، 105.48 މިލިއަން ރުފިޔާއަށް 520 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.