ށ. މަރޮށި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.
ށ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، މަރޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.
އެ ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މަރޮށި ކައުންސިލުގެ މެންބަރުން އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޓީސީސީން ބުނީ ފަރުމަސްވެރިކަމާއި ގެސްޓްހައުސް ވިޔަފާރިއާއި ފަންގި ވިނެގެން އާމްދަނީ ހޯދާ ރައްޔިތުންތަކެއް ދިރުއުޅޭ، 998 މީހުންގެ އާބާދީއެއް އޮންނަ މަރޮށީގެ ބިން ހިއްކައި ނިމުމުން، ގޯތިގެދޮރު ހެދުމަށާއި ގެސްޓްހައުސް ވިޔަފާރިކުރުމަށް އިތުރު ބިން ލިބޭނެ ކަމަށާއި އެއީ ރަށުގެ އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށެވެ.
މަރޮއްޓަކީ ރަށް ގިރުމުގެ މައްސަލަ ވެސް ވަރަށް ބޮޑުވެފައިވާ ރަށެކެވެ. އެކަމުގެ ސަބަބުން ރަށުގެ ހޭޅިފަށަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ އިރު، މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި 30 ރުއް ވެއްޓިފައިވެއެވެ.
އެމްޓީސީސީން ބުނީ ރަށް ގިރުމުގެ މައްސަލައަކީ މަރޮށީގައި ފަންގި ވިނެގެން އާމްދަނީ ހޯދާ ރައްޔިތުންނަށް ވަރަށް ބޮޑަށް ގެއްލުންވާ ކަމެއް ކަމަށާއި އެހެންކަމުން، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމާއެކު، ރަށް ގިރުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބި، ރައްޔިތުންނަށް ރަށް ގިރުމުގެ ނުތަނަވަސްކަމުން ބޮޑު ތަސައްލީއެއް ލިބިގެންދާނެ ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން 14.50 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 669 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 389 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތްކުރާނެއެވެ. އެ މަޝްރޫއަކީ 148.57 މިލިއަން ރުފިޔާއަށް، 360 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ