ށ. މިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްްފި އެވެ.

އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މިލަންދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައެވެ.

އެ ރަސްމިއްޔާތުގައި މަސައްކަތު އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްޓީސީސީގެ މެނޭޖިން ޑައިރެކްޓަރު، (ޑީސީޕީ ރިޓަޔާޑް) އަހުމަދު ސައުދީ އެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު އެވެ.

އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކުރީ 50.46 މިލިޔަން ރުފިޔާއަށެވެ. މަސައްކަތް ނިންމަން ދީފައިވަނީ 210 ދުވަހެވެ.

އެ މަޝްރޫއުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތަކީ 712 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 228 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތްކަމަށް އެމްޓީސީސީން ބުންޏެވެ.