ށ. މިލަންދޫ އެއާޕޯޓުގެ މަސައްކަތް 30 މަސް ދުވަހުގެ ތެރޭގައި ނިމޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު، ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މިލަންދޫއަށް މިއަދު ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ މިލަންދޫގައި އެއާޕޯޓެއް ހެދުމަކީ އެ މަނިކުފާނު އެރަށުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދު ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ އިގްތިސޯދީ ގޮތުންނާއި އެނޫން ގޮތްގޮތުން ބެލިޔަސް މިލަންދޫއަށް އެއާޕޯޓެއް މުހިންމުކަން ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އެއާޕޯޓު ހެދުމަށް ބިން ހަމަޖައްސާފައިވަނީ ރަށުގެ ބިން ދުރު ރާސްތާއަށާއި މެދު ރާސްތާއަށް ބޭނުން ކުރެވޭނެ ގޮތް ބަލައިގެން އެއްވެސް ދަތިތަކެއް ނާންނާނެ ގޮތަކަށްކަމަށް ރައީސް ވިދާޅުވިއެވެ.
މިލަންދޫގައި އެއާޕޯޓު ހެދުމުގެ އެއްބަސްވުމުގައި ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ދެމެދު ސޮއިކޮށްފައިވަނީ މިއަދެވެ. މިއަދުވަނީ މިލަންދޫގެ އާ ބަނދަރު ހެދުމުގެ އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައެވެ.
ރައީސް ވިދާޅުވީ އެ ދެ މަޝްރޫއުގެ މަސައްކަތްވެސް 30 މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށެވެ.
"އެމްއޭސީއެލްއާ އެކީގައި މި ސޮއިކުރެވުނު އެއްބަސްވުމުގެ ތެރޭގައި އެއާޕޯޓު އެޅުމުގެ ގޮތުން ކުރަން ޖެހޭ ހުރިހާކަމެއް ހިމެނިފައި އޮންނާނީ. މިއަދު މި ފެށި މަޝްރޫއަކީ 40 ހެކްޓަރުގެ ބިން ހިއްކުމާއި އަޕްގްރޭޑްކުރެވިގެން އާ ބަނދަރެއް ހެދިގެން ދިއުމާއި މި ހުރިހާކަމެއް ހިމެނޭގޮތަށް މި މަޝްރޫއު މި ހަވާލުކުރެވުނީ. ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދުން ފެށިގެން އެންމެ ގިނަވެގެންވެސް އަށްމަސް ދުވަހުގެ ތެރޭގައި ނިމިގެންދާނެ. މިއަދުން ފެށިގެން 30 މަސް ދުވަހުގެ ތެރޭގައި މާނައަކީ ދެ އަހަރާއި ބައި އެންމެ ގިނަވެގެން، މި ދެންނެވީ ބަނދަރު ބަދަލުކުރުމާއި އާ ބަނދަރެއް ހެދުންވެސް ހިމެނޭގޮތަށް މިރަށުގެ އެއާޕޯޓު ހަދައި އިރާދަކުރެއްވިއްޔާ ނިންމައި ހުޅުވާނަން." ރައީސް ވިދާޅުވިއެވެ.
ރަށުގެ އެއާޕޯޓުގެ މަސައްކަތް އެއްވެސް މަޑުޖެހުމެއްނެތި ކުރިއަށްދާނެ ކަމަށާއި އެއީ ވަރަށް ބޮޑަށް ތަރުތީބު ކޮށްފައިވާ މަޝްރޫއެއް ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ މިލަންދޫގައި އިސްލާމީ މަރުކަޒެއް ހެދުމުގެ މަސައްކަތް މިއަދު ފެށިފައިވާ ކަމަށާއި އެ މަރުކަޒަކީ 700 މީހުންގެ ޖާގައިގެ މަރުކަޒެއް ކަމަށެވެ.
އަދި 30 އެނދުގެ ހޮސްޕިޓަލަކާއި ހަތަރު ބުރީގެ ފުލުހުންގެ އިމާރާތެއް ހެދުމުގެ މަސައްކަތްވެސް މިއަދު ފަށައިފައިވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މިއަދު މިލަންދޫގައި ޕާސްޕޯޓުގެ ހިދުމަތްވެސް ފަށައިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. 1،200 މީހުންގެ ޖާގައިގެ އިންޑޯ ކުޅިވަރުތަކަށް ހާއްސަ ސްޕޯޓްސް ކޮމްޕްލެކްސްއެއްގެ މަސައްކަތްވެސް އިސްކަމެއް ދީގެން ކުރިއަށް ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މިލަންދޫގައި 50 ހައުސިން ޔުނިޓް ހެދުމަށް އިސްކަންދޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މިލަންދޫގައި މިއަންނަ އަހަރުގެ ތެރޭގައި ވެމްކޯގެ ހިދުމަތްވެސް ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިލަންދޫގައި ޕަބްލިކް ވޯކްސް މަރުކަޒެއް ހަދައިދޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު