ސައިބަރ ކްރައިމް ހުއްޓުވުމަށް ގައުމުތައް ގުޅިގެން މަސައްކަތް ކުރާ އދ.ގެ މުއާހަދާ "ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ސައިބަރކްރައިމް" ގައި ރާއްޖޭން ބައިވެރިވާން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
ސައިބަރ ކްރައިމް ހުއްޓުވުމުގެ މުއާހަދާ ރާއްޖޭން ބަލައިގަނެ، ތަސްދީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ހުށަހެޅުއްވީ މި މަހުގެ 14ވަނަ ދުވަހުއެވެ.
މި މުއާހަދާއަކީ ސައިބަރ ކްރައިމް ހުއްޓުވުމަށާއި އެކަމާ ދެކޮޅަށް ފިޔަވަޅުތައް އެޅުމާ ގުޅޭގޮތުން ހުށަހަޅާފައި ބައިނަލްއަގުވާމީ ފުރަތަމަ މުއާހަދާއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އދ. ގަރާރަކުން ފާސްކޮށްފައިވާ މި މުއާހަދާގައި ގައުމުތަކުން ސޮއިކުރުމުގެ ކަންކަން މި މަހުގެ 25އިން 26 އަށް ވިއެޓްނާމުގައި ކުރިއަށްދާނެއެވެ.
މި މުއާހަދާގައި ބައިވެރި ވުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުވި މައްސަލަ ދިރާސާކުރީ، މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީންނެވެ.
މައްސަލަ ދިރާސާކޮށް ކޮމިޓީން މަޖިލިސް ތަޅުމަށް މިއަދު ހުށަހެޅި ރިޕޯޓްގައި ވަނީ އެ ކަަމަށް މަޖިލީހުން ރުހުންދޭން ފެންނަކަމަށް ކޮމިޓީންވެސް ފާސްކޮށްފައެވެ.
އެހެންކަމުން އެ މުއާހަދާގައި ބައިވެރިވުމުގެ ހުއްދަަ ދޭން މަޖިލީހުން ފާސްކުރީ މިއަދުގެ ޖަލްސާގައި ތިއްބެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުން ވޯޓު ދެއްވައިގެންނެެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް