އަންނަ އަހަރު އުތުރު އެމެރިކާގެ ގައުމުތަކުގައި އޮންނަ ވޯލްޑް ކަޕަށް ކޮލިފައިވި ޔޫރަޕްގެ ފުރަތަމަ ޓީމަކަށް އިންގްލެންޑް ވެއްޖެއެވެ.

އިންގްލެންޑުން ވޯލްޑް ކަޕް ކޮލިފިކޭޝަން ޔަގީންކުރީ ރޭ ލަޓްވިއާ ކައިރިން 5-0 ގެ ނަތީޖާއަކުން މޮޅުވެ، މިހާތަނަށް ކޮލިފިކޭޝަން ފުރަތަމަ ބުރުގެ ގްރޫޕް ކޭގައި ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެގެންނެވެ. އިންގްލެންޑުން އެ ގްރޫޕްގެ އެއްވަނަ ޔަގީންކުރީ ހަ މެޗުން 18 ޕޮއިންޓާއެކުގައެވެ.

ރޭގެ މެޗަށް ނުކުތްއިރުވެސް އިންގްލެންޑަށް ޕޮއިންޓަކުން ކޮލިފިކޭޝަން ޔަގީން ކުރެވެން އޮތް އިރު، މިއީ އެގައުމުން ޖެހިޖެހިގެން ކޮލިފައިވި ނުވަ ވަނަ ބޮޑު މުބާރާތެވެ.

މެޗުގެ 25 ވަނަ މިނެޓުގައި އިންގްލެންޑުން ލީޑު ނަގާފައިވާ އިރު، ޑައުގާވާ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ގޯލް ޖަހައިދިނީ އެންތަނީ ގޯޑަންއެވެ.

އެގޯލަށްފަހު ދުނިޔޭ ރޭންކިންގެ 137 ވަނައިގައި އޮތް ލަޓްވިއާއަށް މެޗު ވެގެންދިޔައީ އުނދަގޫ މެޗަކަށެވެ. ހާފު ނިމެން ދަނިކޮށް، ފުލުފުލުގައި ހެރީ ކޭންގެ ދެ ގޯލް ފެނިގެން ގޮސްފައިވެއެވެ. ކޭންގެ ދެވަނަ ގޯލް ޖެހީ ޕެނަލްޓީއެއްގައެވެ.

އިންގްލެންޑްގެ ހަތަރުވަނަ ގޯލަކީ ބައިކޮޅަށް ވަން ގޯލެކެވެ. ލަޓްވިއާގެ މަކްސިމްސް ޓޮނިސެވްސް އަތުން ބައިކޮޅަށް ވަން ގޯލުން އިންގްލެންޑް ބޮޑު ލީޑެއް ނެގި އިރު، އެޓީމުން މެޗު ނިންމާލީ އެބެރެޗީ އެޒޭ ޖެހި ގޯލާއެކުގައެވެ.