ޔޫއެފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރޭ އިޓަލީން ކުޅުނު މެޗުގައި އިޒްރޭލް ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ކުރިން އިޒްރޭލަށް އޮތީ ޕްރެޝަރުވެސް ބޮޑުވެފައެވެ. ފަލަސްތީނުގެ ގައްޒާގައި އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ސަބަބުން، އެޓީމު ފުޓުބޯޅައިން ބޭރުކުރަން ގިނަ ބަޔަކު ގޮވާލާފައިވެއެވެ. ހާއްސަކޮށް ގައުމުގެ ފެޑެރޭޝަންތަކުންވެސް އިޒްރޭލަށް ފިޔަވަޅުއަޅައިދޭން ފީފާއާއި ޔޫއެފާ ކިބައިންވެސް އެދިފައިވެއެވެ.

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ނިރުބަވެރި ޖަރީމާތަކުގައި އެތައް ކުދިންނަކާއި އެތައް އަންހެނުން އަދި އެތައް ކުޅިވަރު އެތުލީޓުންނެވެސް ޝަހީދު ކޮށްލާފައިވެއެވެ. އެމެރިކާއާއި ގަތަރު އަދި އެހެން ބައެއް ގައުމުތައް އެކުވެ، މިހާރު ވަނީ އިޒްރޭލުގެ ހަމަލާތައް ހުއްޓުވާލަން ޕީސް ޑީލްއަކަށް އެއްބަސްވެފައެވެ.

އިޒްރޭލް ފުޓުބޯޅައިން ބޭރުކުރަން އެދުނު ގައުމުތަކުގެ ތެރޭގައި އިޓަލީވެސް ހިމެނޭ އިރު، އިޓަލީން އަމިއްލަ ގައުމުގައި ރޭ ކުޅުނު މެޗާ ދިމާކޮށް، އިޓަލީ ރައްޔިތުންވެސް ވަނީ މަގުތަކުގައި ޝުއޫރު ފާޅުކޮށްފައެވެ.

އެ ހާލަތުގައި ދެޓީމުވެސް މެޗަށް ނުކުތީ މަޖުބޫރު މޮޅެއް ހޯދުމަށެވެ. ގްރޫޕް އައިގެ އެއްވަނައިގައި ނޯވޭ، 18 ޕޮއިންޓާއެކު އޮތް އިރު، އިޓަލީއަށް މިހާރު ލިބިފައި ވަނީ ހަ މެޗުން 15 ޕޮއިންޓެވެ. އެޓީމަށް ވަނީ މިހާރު ދެވަނަ ޔަގީންވެ، އެއްވަނައަށް ވާދަކުރަން ފުރުސަތު ލިބިފައެވެ. ބާކީ އޮތީ ދެމެޗެވެ. އިޒްރޭލް ތިންވަނައިގައި އޮތީ ހަތް މެޗުން ނުވަ ޕޮއިންޓާއެކުގައެވެ.

އިޓަލީން ފުރަތަމަ ހާފުގެ ފަހުކޮޅުގައި ލީޑު ނެގީ ޕެނަލްޓީއަކުންނެވެ. އެޓީމުގެ މަޓެއޯ ރަޓެގީ ގޯލް ޖަހައިދިން އިރު، ދެވަނަ ގޯލްވެސް ޖެހީ އޭނާއެވެ. އޭގެފަހުން މެޗު ނިމެން ދަނިކޮށް ތިންވަނަ ގޯލެއް ޖެހީ ޖިއާންލޫކާ މަންޗިނީއެވެ.