ތައުލީމީ މާހައުލުގައި ފާޅުވާ ފިކުރީ ހައްދުފަހަނަ އެޅުމާއި އިންހުރަސްކުރުން ހުއްޓުވުމާ ގުޅޭގޮތުން ތައުލީމީ އަދި މުޖުތަމައުގެ ފަންނީ މީހުންގެ ހޭލުންތެރިކަން އިތުރުކުރުމަށް އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ކޯލިޝަން (އައިއެމްސީޓީސީ) އިން އައްޑޫ ސިޓީގައި ފިކުރީ ސިމްޕޯޒިއަމްއެއް ބާއްވައިފިއެވެ.
މިއީ އައިއެމްސީޓީސީން ރާއްޖޭގައި ހިންގާ "ޕްރިވެންޝަން" އިނީޝިއޭޓިވްގެ ތެރެއިން ކުރިއަށްގެންދިޔަ ސިމްޕޯޒިއަމެކެވެ. "ތައުލީމީ މާހައުލުގައި ފާޅުވާ ފިކުރީ ހައްދުފަހަނައެޅުން" މި ނަމުގައި އިއްޔެ ބޭއްވި އެ ސިމްޕޯޒިއަމްގައި ރާއްޖޭގެ މީޑިއާގެ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކާއި ފިކުރީ އަދި ތައުލީމީ ދާއިރާގެ މާހިރުންނާއި ސަރުކާރާއި ތައުލީމީ މުއައްސަސާތަކުގެ މަންދޫބުންނާއި މަސްލަހަތުވެރިން ބައިވެރިވިއެވެ.
މި ސިމްޕޯޒިއަމްގައި ފުރަތަމަ މައުޟޫއުއަށް މައުލޫމާތުދެއްވީ ސައުދީ އަރަބިއާގެ އުއްމުލް ޤުރާ ޔުނިވާސިޓީގެ ކޮލެޖް އޮފް ޝަރީއާ އިސްލާމިކް ލޯ އެންޑް އިސްލާމިކް ސްޓަޑީސްގެ އުސޫލުލް ފިގުހުގެ ޕްރޮފެސަރު އަދި އަލްހަރަމް އަލްމައްކީ ކޮލެޖުގެ ޓީޗަރު ޑރ. އާރިފް ބިން އަވަދު އައްރިކާބީއެވެ.
އޭނާ ވަނީ ތައުލީމީ މާހައުލުގައި ފާޅުވާ ފިކުރީ ހައްދުފަހަނައެޅުންތައް ފާހަގަކުރައްވައިފައެވެ. އެގޮތުން ތަފާތު ވިސްނުންތައް ބަލައިނުގަތުމާއި އިޖުތިމާއީ ގޮތުން އެކަހެރިވުމާއި ހަގީގަތާއި އާންމު ކަންކަމާ މެދު ހަރުކަށި މާނަކުރުންތައް ގެންގުޅުން ފަދަ ކަންކަން ވިދާޅުވެ ދެއްވިއެވެ.
އޭނާ ވިދާޅުވީ, ތައުލީމީ މާހައުލުގައި ފިކުރީ ހައްދުފަހަނައެޅުންތަކާ ކުރިމަތިލުމަށްޓަކައި ސްކޫލްތަކާއި ޔުނިވާސިޓީތަކުގައި ތަފާތުތައް ގަބޫލުކުރުމުގެ ސަގާފަތެއް އާލާކުރުމާއެކު ޒުވާނުންގެ ސިކުނޑިތަކުގައި ރަނގަޅު ގާނީނީ މަފްހޫމުތައް އަލުން ގާއިމުކުރުމަށް ބާރު އަޅަންޖެހޭ ކަމަށެވެ.
ދެވަނަ މައުޟޫއުއެއްގެ ގޮތުގައި ތައުލީމީ މުއައްސަސާތަކުގައި ހައްދުފަހަނައަޅާ ދިއުން އިތުރުވަމުންދާ ސަބަބުތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވީ މޮރޮކޯގެ އިންޓަނޭޝަނަލް އެންޑް ފިއުޗާ ސްޓަޑީޒް ސެންޓަރުގެ ވެރިޔާ ޑރ. ހާލިދު މަޔާރު އަލް އިދްރީސީއެވެ.
އޭނާ ވިދާޅުވި ގޮތުގައި ތައުލީމީ މުއައްސަސާތަކުގައި ހައްދުފަހަނައަޅާ ދިއުން އިތުރުވަމުންދާ ސަބަބުތަކުގެ ތެރޭގައި އާއިލާތަކުގެ ނާޒުކުކަމާއި ތައުލީމީ ދާއިރާގައި މަގުދެއްކުން މަދުކަމާއި ހައްދުފަހަނަ އަޅާފައިވާ ވިސްނުންތަކާއި ދަރިވަރުން ރައްކާތެރިކުރުމަށް އަވަހަށް ފިޔަވަޅު އެޅުމުގެ ސްޓްރެޖެޓީތަކާ ގުޅޭގޮތުން ޓީޗަރުން ތަމްރީނުވެފައިވާ މިންވަރު މަދުކަން ފާހަގަކުރެވެއެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ޑިޖިޓަލް އަދި މީޑިއާތަކުން ކުރިމަތިކުރުވާ ގޮންޖެހުންތަކުގެ ސަބަބުން ޒުވާނުންގެ މެދުގައި ތަފާތު ވިސްނުންތައް އުފެދިފައިވާ ކަމަށެވެ. އަދި އެކަމަށްޓަކައި ދެމެހެއްޓެނިވި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް މެދުވެރިކޮށް ތައުލީމީ މުއައްސަސާތަކުގައި މޮނީޓަރިން އަދި ހޭލުންތެރިކުރުވުމުގެ ވަސީލަތްތައް ތަރައްގީކުރަން ޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ތިންވަނައަށް ވާހަކަދެއްކެވީ އެކްސްޓްރީމިޒަމް އެންޑް ސްޓްރެޓެޖިކް ސްޓަޑީޒް ދިރާސާކުރައްވާ ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ މުހައްމަދު ހަލްފާން އައް ސަވީފާއެވެ.
އޭނާގެ މައުޟޫއުގައި ވާހަކަދެއްކެވީ ޓީޗަރުންނާއި ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންގެ މެދުގައި ފިކުރީ ހައްދުފަހަނައެޅުން ހުއްޓުވުމުގެ އުސޫލުތަކާ ގުޅޭގޮތުންނެވެ.
އެ މައުޟޫއުގައި ވާހަކަދައްކަވަމުން މުހައްމަދު ހަލްފާން އައް ސަވީފާ ވަނީ ސްކޫލްތަކުގައި މެދުމިނުގެ އަދި ކެތްތެރިކަމުގެ ސަގާފަތެއް ކުރިއެރުވުމުގައި މުދައްރިސުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައިފައެވެ.
އެގޮތުން ދަރިވަރުންގެ ކިބައިން ފެންނަ އެކަށީގެންނުވާ އަމަލުތައް ދެނެގަނެ އަވަހަށް އެކަންކަމަށް ހައްލު ހޯދުމާއި ފިކުރީ ހައްދުފަހަނައެޅުން ފުރިހަމައަށް ހުއްޓުމަށްޓަކައި ސްކޫލްތަކާއި އާއިލާތަކާއި އަދި މުޖުތަމައުއާ ދެމެދު ހަރުދަނާ ގުޅުމެއް ގާއިމުކުރުން މުހިންމު ކަމަށް ވިދާޅުވިއެވެ.
މި ސިމްޕޯޒިއަމްގައި ޑރ. އާރިފް އަވާދު އަލް ރިކާބީ ވަނީ "ފިކުރީ ހައްދުފަހަނައެޅުމުގެ ނިޝާންތަކާއި އޭގެ ނުރައްކާތައް" މި މައުޟޫއުގެ ދަށުން އިލްމީ ލެކްޗާއެއްވެސް ދެއްވާފައިވެއެވެ. އެ ލެކްޗާގައި ފިކުރީ ގޮތުން ހިޔާލު ތަފާތުވާ މީހުންގެ ފަރާތުން ފެންނާނެ ނިޝާންތަކާއި ފިކުރީ ހައްދުފަހަނައެޅުމުގެ ނުރައްކާތައް ފާހަގަކުރެއްވިއެވެ.
އެގޮތުން ހައްދުފަހަނައަޅައި ދިއުމާއި ޓެރަރިޒަމް ފެތުރުމުގައި ޒުވާނުން ބޭނުންކުރުމާއި ދީނުގެ ހަގީގީ ސިފަ އޮޅުވާލުމާއި އިޖުތިމާއީ އަމާންކަމަށް ކުރިމަތިވާ ނުރައްކާތަކާއި ގައުމީ ސަލާމަތަށް ހީނަރުކަން އައުމުގެ އިތުރު ތައުލީމީ, އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް ކުރާ ނެދެވޭ އަސަރުތައް ހިމެނޭ ކަމަށް ވިދާޅުވިއެވެ.
މި ސިމްޕޯޒިއަމް ނިންމާލީ އާންމުކޮށް ހުޅުވާލެވިގެން ކުރިއަށްގެންދިޔަ މަޝްވަރާއަކަށްފަހުއެވެ. އެ މަޝްވަރާތަކުގައި އަމަލީ ގޮތުން ތަންފީޒުކުރެވޭނެ ގިނަ ހުށެހެޅުންތަކެއް ލިބިގެންދިޔައެވެ. އޭގެ ތެރޭގައި:
- ތައުލީމީ މަންހަޖުތަކުގައި މެދުމިނުގެ ވިސްނުން ހިމެނުން
- ތައުލީމީ ދާއިރާގައި ފާޅުވާ ހައްދުފަހަނައަޅާފައިވާ ވިސްނުންތައް ހުއްޓުވުމަށް ޓީޗަރުންނަށް ތަމްރީން ޕްރޮގްރާމްތައް ހިންގުން
- ހައްދުފަހަނަ އަޅައިގެން ގޮސްދާނެ ފަދަ އަމަލުތައް އަވަހަށް ދެނެގަނެ, އެކަންކަމާ މެދު ފިޔަވަޅު އެޅުމަށް ސްކޫލްތަކާއި އާއިލާތަކާ ދެމެދު ވިލަރެސްކުރުމުގެ ނިޒާމުތައް ގާއިމުކުރުން
- ތައުލީމީ ދާއިރާގައި ހައްދުފަހަނަ އެޅުމާ ގުޅޭގޮތުން ކުރެވޭ އިލްމީ ދިރާސާތަކާއި ތަހުގީގުތައް އިތުރުކޮށް ވަރުގަދަކުރުން އަދި އެފަދަ ކަންކަމަށް ހިތްވަރު ދިނުން
ނިއުޒިލެންޑް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި