މި ސަރުކާރުން މަޝްރޫއުތައް ފަށަނީ ހުރިހާ ކަމެއް ހަމަޖެހި، ތައްޔާރުވުމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ށ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ކޮމަންޑޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތަށް، އެންމެ ފެންވަރު ރަނގަޅު އެންމެ ބޮޑެތި ޑްރެޖަރު ގެންގުޅޭ ދެ ކުންފުންޏެއް މެދުވެރިކޮށް ތިން ޑްރެޖަރު ގެނައުމަށް އެމްއޭސީއެލުން މަސައްކަތްކުރަމުންދާ ކަމަށެވެ.

އެގޮތުން އަންނަ މަހުގެ ތެރޭގައި 11،000 ޓަނުގެ ޑްރެޖަރެއް ގެނެސް، ތ. ވިލުފުށީ އެއާޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތަށް ފޮނުވާނެ ކަމަށާއި އެއަށްފަހު އަންނަ މަހުގެ ތެރޭގައި ގެންނަ 45،000 ޓަނުގެ ޑްރެޖަރުން މަސައްކަތް ފަށާނީ ރަސްމާލެ ހިއްކުމަށް ކަމަށެވެ. އަދި އަންނަ ޑިސެމްބަރު މަހު ގެންނަ 45،000 ޓަނުގެ ޑްރެޖަރުން ހއ. އަތޮޅާއި ށ. އަތޮޅުގެ ބިން ހިއްކުމުގެ މަސައްކަތްކުރުމަށްފަހު، މާލެ އަތޮޅުގެ ބިން ހިއްކުމުގެ އެހެން މަސައްކަތްތަކަށް ބޭނުންކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހުޅުމާލެ ފޭސް ތިނެއް، ގިރާވަރު އަދި އުތުރުތިލަފަޅު ހިއްކުމަށް ވެސް އެމްއޭސީއެލުން އިތުރު ކުންފުންޏަކާ އެގްރިމަންޓް ހަދާފައިވާ ކަމަށާއި އެ ކުންފުނިން ވެސް މި މަސް ނިމޭ ހިސާބުން ފެށިގެން ޑްރެޖަރުތައް ގެންނާނެ ކަމަށެވެ.

"މިހެން އަޅުގަނޑުމެން ތަރުތީބުކޮށްގެން މަސައްކަތްތައް މި ގެންދަނީ. ހަމަ ވަރަށް ގިނަ މަސައްކަތްތަކެއް ބިހައިންޑް ކްލޯސް ޑޯޒް، އަޅުގަނޑުމެންނަށް ރައްޔިތުންނަށް ސީދާ މިހެން އަދި ނުފެނި އިދާރީގޮތުން އޮފީސް ތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިގެން މި ހިސާބަށް ރައްޔިތުން ގާތަށް އަޅުގަނޑުމެން މި އަންނަނީ ކަންކަމައިގެން. ހުރިހާ ކަމެއް ނިންމައި ހަމަޖެހިފައި، ކަންތައްތައް ރެޑީވީމަ، ތައްޔާރުވީމަ އައިސް މި ސޮއިކުރަނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ކޮމަންޑޫގެ އެއާޕޯޓަށް ބޭނުންވާ 48.8 ހެކްޓަރުގެ ބިން އަށް މަސްތެރޭގައި ނިންމޭނެ ކަމަށާއި އަދި 30 މަސްތެރޭގައި އެމްއޭސީއެލުން ހުރިހާ މަސައްކަތެއް ނިންމައި އެއާޕޯޓު ހުޅުވާނެ ކަމަށެވެ.