އިނގިރޭސިވިލާތުން ރާއްޖޭގެ ކަނޑު މަހަށް ނަގަމުންދާ ޑިއުޓީ ކުޑަކޮށްދީފައިވާ ކަމަށް ކުރީގެ ސަރުކާރުން ބުނި ނަމަވެސް އެކަން އެގޮތަށް ކޮށްފައިވާކަން އެއްވެސް ލިޔެކިޔުމަކުން އެނގެން ނެތްކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މިއަދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އެ މެންބަރު ސުވާލުކުރެއްވީ، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމުދު މިއަހަރު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް އަމަލުކުރަން ނިންމާފައިވާ އިރު، އެ މަސައްކަތް އޮތީ ކޮން މަރުހަލާއެއްގައިތޯ ބެލުމަށެވެ.
މި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ވާހަކަތައް ފަށާފައިވަނީ 2016 ވަނަ އަހަރު ކަމަށެވެ. އޭރު އެ މަޝްވަރާތައް ފަށާފައިވަނީ އިނގިރޭސިވިލާތް ޔޫރަޕުގެ އިއްތިހާދުން ވަކިވުމާއެކު ކަމަށް ވެސް ވިދާޅުވިއެވެ. އެކަމާ ގުޅޭގޮތުން ފުރަތަމަ ސިޓީއެއް ފޮނުވާފައިވަނީ 16 އޮކްޓޯބަރު 2016 ގައި އޭރުގެ އިކޮނޮމިކް މިނިސްޓަރު ސޮއިކުރައްވާފައި ކަމަށްވެސް ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުގައި އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު މަޝްވަރާކޮށްގެން، މަހުން ނަގަމުންދިޔަ ޓެރިފް ކުޑަކުރިކަމަށް މެންބަރު މީކާއިލް ވިދާޅުވެފައި ވުމުން، މިނިސްޓަރު ވިދާޅުވީ އެ ބަދަލަކީ ސަރުކާރަކާއެކު ކުރެވުނު މަޝްވަރާއަކާ ގުޅިފައިވާ ކަމެއް ނޫން ކަމަށެވެ.
ބްރެކްޒިޓްގެ ކުރިން އިނގިރޭސިވިލާތުން ނަގަމުން ދިޔައީ 24 ޕަސަންޓު ޓެރިފެއް ކަމަށާއި، މިހާރު ނަގަމުންދަނީ 20 ޕަސަންޓުގެ ޓެރިފެއް ކަމަށްވެސް ވިދާޅުވިއެވެ.
މެންބަރު މީކާއިލްގެ ސުވާލުގައި މިއަހަރު އިނގިރޭސިވިލާތާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް އަމަލުކުރަން ފަށަން ހަމަޖެހިފައިވާކަން ފާހަގަކުރައްވާފައި އޮތުމުން، އެކަމަށް އިޝާރާތްކުރައްވައި މިނިސްޓަރު ވަނީ އެކަން ދޮގުކުރައްވައިފައެވެ. އަދި އެ ވާހަކަތަކުގެ އަސާސް ހިއްސާކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
އިބްރާހިމް ޒަކީ
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު