އިންޑިއާއި ސްރި ލަންކާއަށް ދަތުރުކުރާއިރު ވިސާގެ ކަންކަންކަމަށް ސަމާލުވާން ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ސަރުކާރުގެ ހަބަރުތައް ގެނެސްދޭ "ސަރުކާރު. ގަވް. އެމްވީ" މެދުވެރިކޮށް ފޮރިން މިނިސްޓްރީން މިއަދު ބުނީ އިންޑިއާ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން މިމަހުގެ 10 އިން އިންޑިއާއަށް ދަތުރުކުރާ ކޮންމެ މީހަކު އެ ގައުމަށް އެތެރެވުމުގެ ކުރިން "އީ-އެރައިވަލް ކާޑު" އޮންލައިންކޮށް ފުރިހަމަ ކުރަންޖެހޭ ގޮތަށް އިންޑިއާގެ އިމިގްރޭޝަނުން ހަމަޖައްސާފައިވާ ކަމަށެވެ.

އިންޑިއާއަށް ދަތުރުކުރާ ކޮންމެ މީހަކުވެސް ފުރުމުގެ ކުރިން (72 ގަޑިއިރުތެރޭގައި) އީ އެރައިވަލް ކާޑު ފުރިހަމަކުރަން ޖެހޭނެކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އީ އެރައިވަލް ކާޑު https://indianvisaonline.gov.in/earrival މެދުވެރިކޮށް އޮންލައިންކޮށް ފުރެން ހުންނާނެ ކަމަށެވެ.

"މީގެ ސަބަބުން، އިންޑިއާއިން ދިވެހިންނަށް ވިސާ ދިނުމަށް ހަމަޖެހިފައިވާ އިންތިޒާމަކަށް ނުވަތަ ސިޔާސަތަކަށް ބަދަލެއް އައިސްފައި ނުވެއެވެ." ފޮރިން މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނީ ސްރީލަންކާގެ އިމިގްރޭޝަން އުސޫލުތަކަށްވެސް އެގައުމުން ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން މާދަމާއިން ފެށިގެން ސްރީލަންކާއަށް ދަތުރުކުރާ ކޮންމެ މީހަކު އެ ގައުމަށް އެތެރެވުމުގެ ކުރިން "އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (ETA)" އެއް ހޯދަން ޖެހޭކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ލަންކާއަށް ދަތުރުކުރާ ކޮންމެ މީހަކުވެސް އެ ގައުމަށް ފުރުމުގެ ކުރިން (48 ގަޑިއިރާއި 24 ގަޑިއިރު ދެމެދު) "އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (ETA)" ހޯދަންޖެހޭކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

"އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (ETA)" https://eta.gov.lk/slvisa މެދުވެރިކޮށް ހޯދެން ހުންނާނެކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

"މީގެ ސަބަބުން، ސްރީލަންކާއިން ދިވެހިންނަށް ވިސާ ދިނުމަށް ހަމަޖެހިފައިވާ އިންތިޒާމަކަށް ނުވަތަ ސިޔާސަތަކަށް އެއްވެސް ބަދަލެއް އައިސްފައިނުވެއެވެ." ފޮރިން މިނިސްޓްރީން ބުންޏެވެ.

ލަންކާއި އިންޑިއާއަކީ ދިވެހިން އެންމެ ގިނައިން ބޭސް ފަރުވާއަށާއި ޗުއްޓީއަށް ދަތުރުކުރާ ދެ ގައުމެވެ.