ށ. ފީވަކުން ގޯތި ދޫކޮށްފައިވާ ސަރަހައްދަކީ މިހާރު ދިރިއުޅެން އެކަށީގެންވާ ސަރަހަދެއްނޫން ކަމަށާއި އެ ސަރަހައްދަކީ ދިރިއުޅެން އެކަށީގެންވާ ފަދަ ތަނަކަށް ހަދައިދޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު، ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު ފީވަކަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ފީވަކުން 136 ގޯތި ދޫކޮށްފައިވާ ކަމަށެވެ.
"އެހެންނަމަވެސް އެ ގޯތިތައް ދޫކޮށްފައި އޮތްތަނުގަ އެ ގޯތިތައް ބޭނުން ކުރުމުގަ ރައްޔިތުންނަށް އަދި އެހާ ފަސޭހައެއް ނޫން ޗަކަ ބިން އޮތީމަ. އާދެ، އެމްޓީސީސީއަށް އަޅުގަނޑު މިއަދުވާނީ ދަންނަވާފަ އެ ބޭފުޅުންގެ މެޝިނަރީ ބޭނުންކޮށްގެން އެ ސަރަަހައްދަށް ފަސް އަޅައިދީ އެތަން ހިއްކައިދީ އެތަނަކީ ރައްޔިތުންނަށް ދިރިއުޅެވޭ ތަނަކަށް ހަދައިދިނުމަށް.
"އެހެންވީމާ އެމްޓީސީސީ މިރަށުގެ މަސައްކަތް ސްކޫލް މަޝްރޫއަށް ތަކެތި މޮބިލައިޒްކުރެވި އަދި މިރަށުގެ އެބައޮތް އެހެން މަޝްރޫއެއް އެ ބޭފުޅުންނާ ހަވާލުވެފަ، މޫދަށް އެރޭ ސަރަހައްދު ހެދުމުގެ މަޝްރޫއެއް. އެެހެންވީމާ މި މަސައްކަތްތަކަށް ތަކެތި މޮބިލައިޒް ކުރެވިގެން އަންނައިރުގަ މި ދެންނެވި ގޯތިތައް ދީފައިވާ ސަރަހައްދު ރަނގަޅަށް ބޭނުންކުރެވޭ ގޮތަށް އަޅުގަނޑުމެން ހަދައިދޭނަން. އެކަން އިރާދަކުރެއްވިއްޔާ ކުރިއަށް ދާނެ"
ސްކޫލް މަޝްރޫއަކީ ވަރަށް މުހިންމު މަޝްރޫއެއް ކަމަށާއި އެހެންވެ އަލަށް ހަދައިދޭ ސްކޫލު އިމާރާތުން ރަށުގެ ތައުލީމު ކުރިއަރައިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ އެ މަޝްރޫއަށް ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ.
ފޭދޫގެ ވޭސްޓް މެނޭޖުމެންޓް ސިސްޓަމްގެ މަސައްކަތް ކުރީ ސަރުކާރުންވަނީ އަމިއްލަ ބަޔަކާ ހަވާލުކޮށްފައިވާއިރު އެއީ ބޭރުގެ ބައެއްގެ ފަންޑުން ހިންގާ މަޝްރޫއެއްކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް އެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ނުދާތީ މި ސަރުކާރުން އެ މަޝްރޫއުގެ މަސައްކަތް ފަށަން މަސައްކަތްތަކެއް ހުރި ކަމަށެވެ.
ނަމަވެސް އެކަން ކާމިޔާބު ކުރެވޭގޮތެއް ވެފައި ނުވާކަމަށް ރައީސް ވިދާޅުވިއެވެ. އެހެންވެ މިހާރު މަސައްކަތް ކުރަމުން އަންނަނީ އެ މަޝްރޫއުގެ އެއްބަސްވުން ބާތިލުކުރަންކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ދެން އެހާ ގިނަ ދުވަސްތަކެއް ނުވެ ފޭދޫގެ ވޭސްޓް މެނޭޖު ސިސްޓަމްގެ މަސައްކަތް ފެށިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުން ބަލަނީ ހުއްޓިފައިވާ މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ގެންދެވޭތޯ ކަމަށާއި ނަމަވެސް ކުރިއަށް ގެންދެވޭ ގޮތް ނުވެއްޖެނަމަ، ދައުލަތަށް ގެއްލުން ނުވާނެހެން އެއްބަސްބުންތައް ބާތިލުކޮށް، އެހެން ބަޔަކާ ހަވާލުކުރާނެކަމަށް ރައީސް ވިދާޅުވިއެވެ. ހުއްޓިފައިވާ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް މިހާރުވަނީ ސަރުކާރު ކުންފުނިތަކާ ހަވާލުކޮށްފައިކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފީވަކު ސިއްހީ މަރުކަޒުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށް، މަރުކަޒަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތް މިއަންނަ އަހަރުގެ ތެރޭގައި ސަރުކާރުން ކުރާނެ ކަމަށެވެ. ސިއްހީ މަރުކަޒުގެ މިހާރު ހަދަމުން އަންނަ އިމާރަތް ނިންމުމަކީވެސް ވަރަށް މުހިންމު ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.
"އެއީވެސް މިދެންނެވި ގޮތަށް ދިމާވެފަ އޮތްކަމެއް. އެހެންނަމަވެސް އެ ފަރާތާ މިހާރު ސަރުކާރުގެ ވުޒާރާއިން ހެލްތު މިނިސްޓްރީން ވާހަކަ ދެކެވި އެއްބަސް ވެވިއްޖެ އަލުން ކުރިއަށްދާން. އެހެންވެ މުއްދަތުވެސް ދީފަ އެ އޮތީ. މިހާރު އަޅުގަނޑުމެން ދަންނަވާފަ އޮންނާނީ ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ މިރަށުގެ ކަންކަން، އެކަން ކުރިއަށްދަންޏާ" ރައީސް ވިދާޅުވިއެވެ.
ދެ ހަފުތާ ތެރޭގައި ސިއްހީ މަރުކަޒުގެ އިމާރާތުގެ މަސައްކަތް ރަނގަޅަށް ބާރަށް ނުދަންޏާ އެއްބަސްވުން ބާތިލުކޮށް އެހެން ބަޔަކާ ހަވާލުކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުން ކަންކަން ކޮށްދެމުން އަންނަނީ ރައްޔިތުން ބޭނުންވާ ގޮތަށްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ފީވަކުގެ ތަރައްގީއަށް ހުރި ކަންކަމަށް ސަރުކާރުން އިސްކަން ދޭނެކަމުގެ ޔަގީންކަން ރަށުގެ ރައްޔިތުންނަށް ދެއްވާކަމަށް ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ފީވަކުގެ ތަރައްގީއަށް އިތުރު ހަލުވިކަމެއް ގެނެސްދީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައިދެއްވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު