އަންނަ 2026 ވަނަ އަހަރަށް އޮޑިޓް އޮފީހުން ހުށަހެޅި ބަޖެޓް ކުޑަކުރަން ފިނޭންސް މިނިސްޓަރު ހުށަހަޅާފައި ވަނިކޮށް، އޮޑިޓް އޮފީހުން ހުށަހެޅި ގޮތަށް އެ އޮފީހަށް 134.2 މިލިޔަން ރުފިޔާގެ ބަޖެޓެއް ދޭން ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން ފޮނުވި ބަޖެޓް، މާލިއްޔަތު ކޮމިޓީން ދިރާސާކޮށް، އެ ކޮމިޓީގެ ރިޕޯޓް މިއަދު މަޖިލީހަށް ހުށަހެޅުއްވީ މާލިއްޔަތު ކޮމިޓީގެ ނައިބު މުގައްރިރު އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ.
އޮޑިޓް އޮފީހުން 2026 އަށް ބޭނުންވާ ކަމަށް ހުށަހެޅީ ވެސް 134.2 މިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް އެ ބަޖެޓް ކުޑަކުރަން ފިނޭންސް މިނިސްޓަރު ކޮމިޓީއަށް ހުށަހެޅުއްވިއެވެ.
ފިނޭންސް މިނިސްޓަރު އެދިވަޑައިގެންފައިވަނީ 9.2 މިލިޔަން ރުފިޔާ އުނިވާނެ ގޮތަށް އެކި ދިމާލުން ހަރަދުތައް ކުޑަކުރުމަށެވެ.
އެގޮތަށް ހަރަދުތައް ކުޑަކުރަން ޖެހޭކަމަށް ފިނޭންސް މިނިސްޓަރު ހުށަހެޅުއްވި ދާއިރާތަކުގެ ތެރޭގައި، އޯވަ ޓައިމްގެ ފައިސާ އާއި ދަތުރުފަތުރުގެ ހަރަދާއި އޮފީސް ބޭނުމަށް ހޯދާ ތަކެއްޗާއި ތަމްރީން ޕްރޮގްރާމްތަކުންނާއި މަރާމާތާއި ހަރުމުދަލުގެ ބައި ހިމަނާފައިވެއެވެ.
ނަމަވެސް ކޮމިޓީން ފާސްކުރީ އޮޑިޓް އޮފީހުން ހުށަހެޅި ގޮތަށް އެ އޮފީހަށް 134.2 މިލިޔަން ރުފިޔާގެ ބަޖެޓެއް ދިނުމަށެވެ. އެއީ ރިކަރަންޓް ހަރަދަށް 89 މިލިޔަން ރުފިޔާ އާއި ކެޕިޓަލް ހަރަދަށް ތިން މިލިޔަން ރުފިޔާ ހިމަނައި، އޮޑިޓް އޮފީހުގެ އާ އިމާރާތައް ޕީއެސްއައިޕީގައި ހިމެނޭ 41.5 މިލިޔަން ރުފިޔާ ހިމަނައިގެންނެވެ.
އޮޑިޓާޖެނެރަލްގެ އޮފީހުގެ ބަޖެޓް ފާސްކުރީ މަޖިލިސް ޖަލްސާގައި ތިއްބެވި 52 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 51 މެންބަރުންގެ އިއްތިފާގުންނެެވެ.
މި ހިނގާ 2025 ވަނަ އަހަރަށް އޮޑިޓާ ޖެނެރަލްގެ އޮފީހަށް ދޭން ފާސްކުރީ 114 މިލިޔަން ރުފިޔާގެ ބަޖެޓެކެވެ.
ގާނޫނުއަސާސީ ބުނާގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ބަޖެޓް ފާސްކުރަން ޖެހެނީ، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓާ އެއްގޮތަށް، ދައުލަތުގެ ބަޖެޓާ ވަކިން، އަދި ދައުލަތުގެ ބަޖެޓް ފާސް ކުރުމުގެ ކުރިންނެވެ.
އިބްރާހިމް ޒަކީ
އޮޑިޓް އޮފީސް
އޮޑިޓް އޮފީސް
އޮޑިޓް އޮފީސް
އޮޑިޓް އޮފީސް