ށ. ފޭދޫ ސިއްހީ މަރުކަޒުގެ ހިދުމަތްތައް 24 ގަޑިއިރަށް މި އަހަރު ބަދަލުކޮށް އެ މަރުކަޒަށް ބޭނުންވާ މުވައްޒަފުން މިއަހަރު ހޯދަން އިއުލާންކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު، ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު ފޭދޫއަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ރަށުގެ ތަރައްގީއަށް ގިނަ ކަންތައްތަކެއް ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށާއި އޭގެ ތެރޭގައި ރަށުގެ ސިއްހީ މަރުކަޒުގެ ތަރައްގީކުރުން ހިމެނޭ ކަމަށެވެ.
"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މިއަހަރުގެ ތެރޭގައި 24 ގަޑިއިރު ހިދުމަތް ދޭ ގޮތަށް މިރަށުގެ ސިއްހީ މަރުކަޒު ބަދަލުކުރާނަން. އެކަަމަށްޓަކާ ބޭނުންވާ ވަޒީފާތަކަށް މީހުން ނެގުމަށް ދޭން ޖެހޭ ހުއްދަތައް ހަމަ ކުރިއަށް އޮތް ކުޑަދުވަސްކޮޅެއްގަ ތެރޭގައި ލިބިގެންދާނެ، އިއުލާން ކުރުމުގެ ފުރުސަތު އަދި އިއުލާން ކުރެވިގެންދާނެ، އެކަމަށް ބޭނުންވާ ހިޔުމަން ރިސޯސް. އެއީ ނަރުހުން އަދި ޑޮކްޓަރުން ކަމުގައިވިޔަސް އަދި އެހެން ދާއިރާތަކުގެ ހިޔުމަން ރިސޯސް ކަމުގައިވިޔަސް، މިވަގުތަށް ބޭނުންވާ ވަޒީފާތައް" ރައީސް ވިދާޅުވިއެވެ.
ސިއްހީ މަރުކަޒު ބޮޑުކުރުމުގެ މަސައްކަތްވެސް މިއަހަރު ބަޔަކާ ހަވާލުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފޭދޫގެ މަގުތައް ހެދުމަކީ ރަށުގެ މީހުންނަށް އެ މަނިކުފާނު ވެވަޑައިގެންފައިވާނެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ. ގޮނޑުދޮށް ހިމާޔަތް ކުރުމުންވެސް ރަށުގެ ރައްޔިތުންނަށް ބޮޑު ފައިދާތަކެއް ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
މިއިން ކޮންމެ ކަމަކީވެސް ރަށުގެ ތަރައްގީއަށް މުހިންމު މަސައްކަތެއް ކަމަށް ވުމުން ސަރުކާރުން އެކަންކަމަށް އިސްކަންދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރަށުގެ ސްކޫލް މަޝްރޫއުގެ މަސައްކަތް ހުއްޓިފައިވާތާ ދެ އަހަރުވެފައިވާ ކަމަށާއި އެކަން މި ސަރުކާރުން އެއްކޮށް ހައްލުކޮށްދޭނެކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް މިހާރު އެ މަސައްކަތް ކުރަމުންދާ ކުންފުންޏާއެކު އެކަން ކުރިއަށް ގެންދިއުމުގެ ވިސްނުމެއް ނެތްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރަށުގެ ރައްޔިތުން މޫދަށް އެރޭނެ ސަރަހައްދެއް ކަނޑައަޅައިދެއްވާނެ ކަމަށާއި އެކަމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތާއި ބަނދަރުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އެކަންކަން އެއްފަހަރާ ކުރިއަށް ގެންދެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
މިއަންނަ އަހަރަށް ބަޖެޓުކޮށްގެން 500 މީހުން ޖާގައިގެ ޒަމާނީ މިސްކިތެއް އަދި ހޭންޑްބޯލް ދަނޑެއް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ފުޓްބޯޅަ ދަނޑާއި ފުޓްސަލް ދަނޑު ތަރައްގީކުރުމުގެ މަސައްކަތް މިއަހަރު ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ. ފިޓްނެސް ސެންޓަރުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެ ސެންޓަރު ހަދާ ބިމުގައި މިހާރު ހުރި ފެނަކަ ކޯޕަރޭޝަންސްގެ ޕަވާހައުސް އެހެން ތަނަކަށް ބަދަލުކޮށް ނިމުމުންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މަޝްރޫއުތަކާ ގުޅުންހުރި ކަންކަން ސަރުކާރުގެ ތެރެއިން މިހާރުވެސް ކުރަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.
"އަދި އަމަލީ ގޮތުން ބިންމަތީގަ ނުފެންނަނީ. އެކަމަކު އޭގެ ކުރިން ހިނގަން ޖެހޭ ކަންކަން ހަމަ އެއްވެސް ކަހަލަ އިޝޫއެއް ނެތި ބަރާބަރަށް ސްޓެޕް ބައި ސްޓެޕް ކުރިއަށްދޭ. ދެންގޮސް ވަރަށް އަވަހަށް އަޅުގަނޑު އުންމީދު ކުރަނީ ފިޒިކަލީ ރަށްރަށުގަ މަޝްރޫއުތައް ފެށޭނޭ" ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު