ފަހިކަމާއެކު ރަނގަޅަށް ހަމަޖެހިގެން، ރާއްޖޭގެ އިގްތިސޯދު ދަނީ ކުރިއަށް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ސައީދު މިހެން ވިދާޅުވީ، ކުދި ވިޔަފާރިތައް ބާރުވެރި ކުރުވަން ސަރުކާރުން ކުރާ މަސައްކަތްތަކާބެހޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މެންބަރު ސުވާލު ކުރެއްވީ، ޕްރައިވެޓް ސެކްޓާ ހަރުދަނާ ކުރަން ޖެހޭ ވާހަކަ ސަރުކާރުން ދައްކާއިރު، ސަރުކާރުގެ މިހާރުގެ ސިޔާސަތު އޮތް ގޮތުން ސަރުކާރުގެ މަޝްރޫއުތައް، ސަރުކާރުގެ ކުންފުނިތަކަށްދީ، އާއްމު ވިޔަފާރިތަކުގެ ބައެއް ކަންކަންވެސް ސަރުކާރުން އިސްނަަގައިގެން ކުރަމުންދާއިރު، އަމިއްލަ ވިޔަފާރިތައް ތަރައްގީކުރަން ކުރާ މަސައްކަތްތައް އޮޅުންފިލުއްވުމަށެވެ.

"ކުދި ވިޔަފާރިތައް އެންޕަވާ ކުރުމަށްޓަކައި، ވާރުތަވި ހާލަތަށް ބަލާއިރު، މުޅި ގައުމު ދަރާފަ، ފައިސާގެ އަގު ވައްޓާލާފަ، އެއްވެސް ކަހަލަ އުސޫލެއް، ގޮތެއްފޮތެއްނެތި މަޝްރޫއުތައް ހަވާލުކޮށްފަ ހުރީ އޮޅުުން ބޮޅުން އަރުވާލާފަ، ވިއްސަކަށް މޭލު ކަންވާރުބޮޅެއް އަތަށް އޮޅުވާލައިފަ އޮތް ގޮތަށް އޮތީ،" މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު އޮތް ހާލަތު ބަޔާން ކުރައްވަމުން މިނިސްޓަރު ވިދާޅުވިއެވެ.