އެމްޑަބްލިޔުއެސްސީން ށ. ގޮއިދޫގައި ކުރިއަށްގެންދިޔަ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތްތައް ނިންމައި، އިފްތިތާހުކޮށްފިއެވެ.

ށ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ގޮއިދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު އިފްތިތާހުކޮށްދެއްވީ ރައީސް މުއިއްޒެވެ.

އެ ރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދާއި ދައުލަތުގެ ވަޒީރުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.

13 އޮކްޓޯބަރު 2025، އެމްޑަބްލިޔުއެސްސީން ށ. ގޮއިދޫގައި ގާއިމުކުރި ފެނާއި ނަރުދަމާގެ ނިޒާމު، ރައީސް ޑރ. މުހައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވުން -- ފޮޓޯ/ އެމްޑަބްލިޔުއެސްސީ

އެ މަޝްރޫއުގެ ދަށުން، ގޮއިދޫގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ގާއިމުކޮށް، ފެނާއި ނަރުދަމާ ހޮޅީގެ މައިނެޓްވޯކާއި، ސީ އައުޓްފޯލް އަދި ރިޖެކްޓް ލައިންވެސް ވަނީ އަޅައިފައެވެ. އޭގެ އިތުރުން، ފެން ރައްކާކުރުމަށް ތާންގި ބަހައްޓައި، ބޯހޯލް ތޮރުފައި، ނަރުދަމާގެ ޕަންޕިން ސްޓޭޝަންތައް ވެސް ވަނީ ގާއިމުކޮށްފައެވެ.

ގޭގެގައި ޖަންކްޝަން ބަހައްޓައި، ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުމުގެ އިތުރުން، ނަރުދަމާ ނިޒާމު ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް އެ މަޝްރޫއުގެ ދަށުން ވަނީ ފޯރުކޮށްދީފައެވެ.

ގޮއިދޫގެ ފެނާއި ނަރުދަމާ މަޝްރޫއަކީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. އެ މަޝްރޫއުގެ ޖުމުލަ އަގަކީ 89.05 މިލިއަން ރުފިޔާއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ އެ މަޝްރޫއުގެ ސަބަބުން ގޮއިދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެ ކަމަށެވެ.