އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަން ތިންވަނަ ބުރުގެ ގްރޫޕް އޭގައި މިހާތަނަށް ރާއްޖެއަށް ޕޮއިންޓެއް ނުހޯދި އޮތް ނަމަވެސް، އެއީ ހަގީގީ ފެންވަރު ނޫން ކަމަށާއި، ތަޖިކިސްތާނުން އެކަމަށް ސަމާލުވާން ޖެހޭނެ ކަމަށް އެގައުމުގެ ކޯޗު، ގޯރަން ސްޓެވަނޮވިޗް ބުނެފިއެވެ.
ކޮލިިފިކޭޝަންގައި ރާއްޖެއިން މިހާތަނަށް ކުޅުނީ އަވޭ ތިން މެޗެވެ. ދެން ރާއްޖެއަށް ބާކީ އޮތީ ހޯމް ތިން މެޗެވެ. އޭގެ ތެރެއިން ފުރަތަމަ މެޗުގައި މާދަމާ ތަޖިކިސްތާނާ ދެކޮޅަށް ނުކުންނާނީ މެންދުރުފަހު 3:30 ގައެވެ.
ގައުމީ ދަނޑުގައިން އޮންނަ މެޗުގެ ކުރިން މިއަދު ބޭއްވި ޕްރި މެޗު ޕްރެސްގައި ސްޓެވަނޮވިޗް ބުނީ ތާވަލުން ފެންނަނީ އެންމެ ސާފު މަންޒަރު ނޫން ކަމަށާއި، ރާއްޖެއަކީ ތަފާތު ހުނަރުވެރި ޓީމެއް ކަމަށެވެ.
"ރާއްޖެ ތާވަލުގެ އެންމެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތަސް، އެއީ ސާފު މަންޒަރެއް ނޫން. އެއަށްވުރެ މާ ރަނގަޅު ރާއްޖޭގެ ކުޅުން. އަހަރެން ހަމަ ހިތުން ގަބޫލުކުރާ ގޮތް ވަރަށް ތެދަށް މި ބުނަނީ. ރާއްޖެއަށް ވަރަށް އިހުތިރާމް ކުރަން. ތާވަލުން ފެންނަނީ ރާއްޖޭގެ އަސްލު ފެންވަރެއް ނޫން. ރާއްޖޭގައި އެބަތިބި ތަފާތު މޮޅެތި ހަތަރު ފަސް ކުޅުންތެރިން،" ސްޓެވަނޮވިޗް ބުންޏެވެ.
ތަޖިކިސްތާނުގައި އެގައުމާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ 2-0 އިން ބަލިވި އިރު، އޭގެ ކުރިން ޓިމޯ ލެސްޓާ އަތުން ބަލިވެފައި އޮތީ 1-0 އިންނެވެ. އަދި އެންމެ ފުރަތަމަ މެޗުގައި ރާއްޖެ ފިލިޕީންސް ކައިރިން ބަލިވެފައި އޮތީ 4-1 ގެ ނަތީޖާއަކުންނެވެ.
ކޯޗު ސްޓެވަނޮވިޗް ބުނީ ކުރީ މެޗާ އަޅާބަލާ އިރު، ރާއްޖެ އިތުރަށް ވަރުގަދަ ވާނެ ކަމަށާއި، އެންމެ ބޮޑު ތަފާތަކަށްވާނީ ސަޕޯޓަރުން ކަމަށެވެ. އެއާއެކު ރާއްޖެއަކީ ވަކިވަކި ކުޅުންތެރިންގެ ހުނަރަށްބަލާ އިރު، ތަފާތު މޮޅު ޓީމެއް ކަމަށްވެސް އޭނާ ބުންޏެވެ.
"އަހަރެން ބެލިން ރާއްޖޭން ކުރިން ކުޅުނު މެޗުތައްވެސް. ފިލިޕީންސް މެޗުގައިވެސް 80 ވަނަ މިނެޓާ ހަމައަށް އޮތީ 2-1 ގައި. މެޗު ނިމުނުއިރު ނަތީޖާ 4-1 ގައި އޮތް ނަމަވެސް، އެއީ އަސްލު މަންޒަރެއް ނޫން. ރާއްޖެ ރަނގަޅަށް ކުޅުނު. ތަޖިކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގެ ފަހުވަގުތުގައިވެސް ގޯލެއް ނުޖެހީ ކިރިޔާ. އެހެންވީމަ އަހަރެމެން ޖެހޭނެ ރަނގަޅަށް ސަމާލުވާން،" ސާބިއާއަށް އުފަން ސްޓެވަނޮވިޗް މިއަދު ބުންޏެވެ.
ސްޓެވަނޮވިޗް ތަޖިކިސްތާނުގެ ކޯޗުކަމާ ހަވާލުވެ ނުކުތް ފުރަތަމަ މެޗަކީ ރާއްޖެ މެޗެވެ. އެމެޗުން މޮޅެއް ހޯދުނު އިރު، އޭނާ ބުނީ ފުރަތަމަ މެޗާއެކު ދެޓީމަށްވެސް މާބޮޑެތި ސިއްރުތަކެއް މިހާރު ނޯންނާނެ ކަމަށާއި، ތަފާތަކަށްވާނީ ރާއްޖޭގެ ސަޕޯޓަރުން ކަމަށް ގަބޫލުކުރާ ކަމަށެވެ.
އޭޝިއަން ކަޕް
އޭޝިއަން ކަޕް
އޭޝިއަން ކަޕް