މަހުގެ ޑިއުޓީ ކަނޑާލަން ޔޫކޭއިން ވެފައިވާ އެއްބަސްވުމަށް އަމަލުކުރުމާ ބެހޭގުން ސުވާލުކުރަން، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ހާޒިރުކުރަން އެޖެންޑާކޮށްފިއެވެ.

މި ކަންތައްތަކާ ބެހޭގޮތުން މިިނިސްޓަރާ ސުވާލުކުރަން ހަަމަޖެހިފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.

މެންބަރު މީކާއީލް މިނިސްޓަރާ ސުވާލުކުރަން ހަމަޖެހިފައިވަނީ، ރައްޖޭން އިނގިރޭސިވިލާތަށް އެތެރެކުރާ މަހުން ނަގާ ޑިއުޓީ އެއްކޮށް ކަނޑާލުމަށްޓަކައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު މަޝްވަރާ ކުރި ފްރީ ޓްރޭޑް އެއްބަސްވުމަށް 2025 ގައި އަމަލުކުރުމަށް ނިންމާފައިވީ އިރު، މި އެއްބަސްވުމުގެ މަސައްކަތް އޮތީ ކޮން މަރުޙަލާއެއްގައިތޯ އޮޅުންފިލުވުމަށެވެ.

އޭގެ އިތުރުން ސޯލިހުގެ ވެރިކަމުގައި، ކުރި މަސައްކަތުން، ރާއްޖެއިން އިނގިރޭސި ވިލާތަށް އެކްސްޕޯޓުކުރާމަހުން 24 ޕަސެންޓްގައި ނަގަމުންދިޔަ ޑިއުޓީ 20 ޕަސެންޓަށް ކުރުމަށް ނިންމި ނިންމުމާ ބެހޭގޮތުންވެސް ސުވާލުކުރަން ވަނީ ހަމަޖެހިފައެވެ.

އިނގިރޭސިވިލާތަކީ ރާއްޖޭން އެންމެ ގިނައިން މަސް އެކްސްޕޯޓްކުރާ ޔޫރަޕްގެ ގައުމެވެ.