ގާނޫނުއަސާސީން އުފައްދާފައިވާ މުސްތަގިއްލު ކޮމިޝަންތަކުގެ މެންބަރުންނާއި، މުސްތަގިއްލު މަގާމުތައް ފުރަމުންދާ މީހުންގެ މުދަލާއި ފައިސާގެ ބަޔާން ހުށަހަޅަން އެންގުމުގެ ބާރު އޮޑިޓާ ޖެނެރަލަށް ދޭގޮތަށް އޮޑިޓާ ޖެނެރަލްގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ.
ބިލު މަޖިލީހަށް ބަލައިގަތުމުން އިތުރަށް ދިރާސާކުރުމަށް ވަނީ، މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފައެވެ.
މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމެވެ. މެންބަރު ބިލުގައި ހިމަނާފައިވަނީ، އޮޑިޓް ގާނޫނުގެ ނުވަވަނަ މާއްދާގެ (މ)ގެ ފަހަތަށް އަކުރެއް އިތުރުކުރުމަށެވެ.
ގާނޫނުއަސާސީން އުފައްދާފައިވާ މުސްތަގިއްލު ކޮމިޝަންތަކުގެ މެންބަރުންނާއި، މުސްތަގިއްލު މަގާމުތައް ފުރަމުން އަންނަ މީހުންގެ އިތުރުން އެ އިސްލާހުގައި ހިމެނޭގޮތުން، ގާނޫނަކުން އުފައްދާފައިވާ އިދާރާތަކާއި، އޮފީސްތަކާއި، އެޖެންސީތަކުގެ އިސް މަގާމުތައް އަަދާކުރަމުން އަންނަ މީހުންނާއި، ގާނޫނަކުން އުފައްދާފައިވާ ވަކިވަކި މިނިވަން މުސްތަގިއްލު މަގާމުތައް ފުރަމުން އަންނަ މީހުންގެ މުދަލާއި ފައިސާގެ ބަޔާން ހުށަހެޅުމަށް އެންގުމުގެ ބާރު އޮޑިޓާ ޖެނެރަލަށް ދިނުމަށްވެސް މި ބިލުގައި ހުށަހަޅާފައިވެއެވެ.
އެ ބަޔާން ބަލައިގަތުމުގެ އިތުރުން، އެ ބަޔާންތައް އާންމުކޮށް ޝާއިއުކުރުމަށްވެސް މި އިސްލާހުގައި އޮޑިޓާ ޖެނެރަލަށް ވަނީ ލާޒިމުކޮށްފައެވެ.
ބަޔާން ހުށަަޅަން ޖެހޭނެ ކަމަށް ބިލުގައި ވަނީ އެ ފަރާތެއް މަގާމާ ހަވާލުވި ތާރީހުން ފެށިގެން އެއް އަހަރުދުވަސް ހަމަވާ ތާރީހަށެވެ.
އެއް އަހަރުގެ މުއްދަތު ގުނައި ނިމޭ ތާރީހުން ފެށިގެން 90 ދުވަހުގެ ތެރޭގައި، އިންސްޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް އިން އޮޑިޓް ލައިސަންސް ދޫކޮށްފައިވާ ލައިސަންސްޑް އޮޑިޓަރަކު ވެރިފައި ކޮށްފައިވާ ފާއިތުވި އަހަރުގެ ބަޔާން ހުށަހަޅަން އެ ފަރާތްތަކަށް އަންގަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
މަސްއޫލިއްޔަތާ ހަވާލުވި އިރު، އެމީހެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާ އާއި ވިޔަފާރީގެ މަސްލަހަތުތަކާއި، އަރަންޏާއި ދަރަނި ހާމަކުރުމުގެގޮތުން މަގާމުގެ ހުވާކުރި ދުވަހުގެ ހާލަތު އަންގައިދޭ ބަޔާނެއް އެ މީހަކު އެ މަގާމާ ހަވާލުވާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ހުށަަހަޅަން އެންގުމަށްވެސް ހިމަނާފައިވެއެވެ. އަދި އޮޑިޓާ ޖެނެރަލްގެ އެންގުމާ ހިލާފުވާ ފަރާތްތައް 5000 ރުފިޔާއިން ޖޫރިނާކުރަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
އިބްރާހިމް ޒަކީ
ގާނޫނާއި ގަވައިދު
ގާނޫނާއި ގަވައިދު
ގާނޫނާއި ގަވައިދު
ގާނޫނާއި ގަވައިދު