މިއަންނަ އަހަރު ފެށެންވާއިރަށް ހުރިހާ ރަށެއްގެ ސިއްހީ މަރުކަޒުތަކުން ރަށު ފެންވަރުގެ ސިއްހީ ޓެސްޓުތައް ހެދެން ހުންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު، ށ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު ނޫމަރާއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ސަރުކާރުން އަންނަނީ ސިއްހީ ދާއިރާއަށް ބޮޑު އިސްކަމެއް ދެމުން ކަމަށާއި މިއަހަރު ސަރުކާރުގެ ވަޒީފާތަކަށް އެހާ ގިނައިން މުވައްޒަފުން ނަގައިފައި ނުވާނެ ކަމަށާއި ނަމަވެސް ސިއްހީ ދާއިރާއަށް ބޭނުންވާ ގިނަ ވަޒީފާތަކަކަށް މީހުން ނަގައިފައިވާނެ ކަމަށެވެ.
އެ މަނިކުފާނުގެ ސިޔާސަތަކީ ދެ އަހަރުގެ ތެރޭގައި ހުރިހާ ރަށެއްގެ ސިއްހީ މަރުކަޒުން ރަށު ފެންވަރުގެ ޓެސްޓުތައް ހެދޭނެ ފެންވަރަށް ސިއްހީ މަރުކަޒުތަކުގެ ލެބޯރޓަރީތައް ތަރައްގީކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
"މިހާރު މި އޮތީ ރާއްޖޭގެ ހުރިހާ ރަށެއްގައި ދެ އަހަރު ތެރޭގައި، މި ހިނގާ އަހަރާއި އަންނަ އަހަރާ ދެ އަހަރު ތެރޭގައި ލެބޯޓަރީގެ ހިދުމަތް ގާއިމްކޮށް ނިންމައިދިނުން،" ރައީސް ވިދާޅުވިއެވެ.
އިތުރަށް އެ މަނިކުފާނު ވިދާޅުވީ އެ މަނިކުފާނަށް ރަށްރަށަށް ވަޑައިގެން އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރަނީ ރައްޔިތުން ބޭނުންވާ ކަންކަމަށް ވަގުތުން ހައްލު ހޯދައިދެވޭތީ ކަމަށެވެ.
އެ މަނިކުފާނު ރަށްރަށަށް ވަޑައިގަންނަވާއިރު އަރިހުގައި މިނިސްޓަރުންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިން ވަޑައިގަތުމުން އެ ބައްދަލުވުމަކުން ހުރިހާ ކަމެއްނިމި އެތަކެއް ވަގުތަކާއި ހަރަދެއް ސަލާމަތް ކުރެވިގެންދާކަމަށް ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު