އެ މަނިކުފާނަށް ރަށްރަށަށް ވަޑައިގެން އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރަނީ ރައްޔިތުން ބޭނުންވާ ކަންކަމަށް ވަގުތުން ހައްލު ހޯދައިދެވޭތީކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު، ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު ނޫމަރާއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ރައްޔިތުންނާ ބައްދަލު ނުކުރައްވައި މާލޭގައި އެ މަނިކުފާނަށް މަޑުކުރެއްވިދާނެ ކަމަށާއި ނަމަވެސް އެއީ އެ މަނިކުފާނުގެ ގޮތެއް ނޫން ކަމަށެވެ.

"މިގޮތަށް ރައްޔިތުން ގާތަށް އައީމަ މާ ރަނގަޅަށް ކަންކަން އެނގި، ރައްޔިތުންނަށްވެސް އަޅުގަނޑު ގާތުގައާއި އަޅުގަނޑުމެންނާ އެކީ މިއަންނަ ޓީމުގެ ގާތުގަ ކަންކަން ދެންނެވި އެކަންކަމަށް ވަގުތުން ގެނެވޭ ހައްލުން ކަންކަމަށް ހައްލު ގެނެސްދީ، ދެން ހުރި ކަންކަމަށް ހައްލު ގެނައުމަށް މަސައްކަތް ރާވާލަން ފަސޭހަ އެބަވޭ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައިވެސް އެެ މަނިކުފާނުވަނީ ރައްޔިތުންގެ ގާތަށް ވަޑައިގަންނަވާނެ ކަމަށް ވައުދުވެވަޑައިގެންފައި ކަމަށާއި ކޮންމެ ރަށަކަށް ދެ ފަހަރަކު ވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށާއި މިހާރު ބައެއް ރަށްރަށަށް ދެ ފަހަރު ވަޑައިގެންފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މީ ނޫމަރާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅު ކަމަށާއި ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަން ސަރުކާރުން ކޮށްދޭނެ ކަމަށެވެ.

އެގޮތުން ރަށުގެ ބަނދަރު ހެދުމުގެ މަޝްރޫއު ފުޅާކޮށް ރައްޔިތުން ބޭނުންވާ ގޮތަށް ދޯނި އެހެލާ ތަނަކާއި މޫދަށް އެރޭ ސަރަހައްދެއް އެ މަޝްރޫއުގެ ތެރެއިން ކުރިއަށް ގެންގޮސްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރަށުގެ ފެނާއި ނަރުދަމާގެ މަޝްރޫއުގެ ބާކީ ހުރި ކަންކަން މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)އާ ހަވާލުކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

13 އޮކްޓޫބާ 2025، ރައީސް ޑރ. މުހައްމަދު މުއިއްޒު، ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ނޫމަރާއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކޮށް ވާހަކަފުޅު ދައްކަވަނީ ---- ފޮޓޯ: ރައީސް އޮފީސް

މިއަންނަ އަަހަރުގެ ބަޖެޓުގެ ތެރޭގައި ހިމަނައިގެން ނޫމަރާގައި ފުޓްބޯޅަ ދަނޑަކާއި ވޮލީ ކޯޓެއް ހަދައިދިނުމުގެ އިތުރުން ސްކޫލުގެ މަލްޓި ޕާޕޯސް ހޯލުގެ މަސައްކަތްވެސް މިއަންނަ އަހަރު ފެށިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ނޫމަރާގެ މަގުތައް ތަރައްގީކުރުމުގެ މަސައްކަތްވެސް ސަރުކާރުން ކުރާނެ ކަމަށާއި ނަމަވެސް އިސްކަން ދޭނީ ކުރިން ދެންނެވި ކަންކަމަށް ކަމަށާއި މަގުތައް ހެދުމުގެ މަސައްކަތް މިއަންނަ އަހަރު ފަށާނެކަމަށް ނުދަންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން އަންނަނީ ސިއްހީ ދާއިރާއަށް ބޮޑު އިސްކަމެއް ދެމުން ކަމަށާއި މިއަހަރު ސަރުކާރުގެ ވަޒީފާތަކަށް އެހާ ގިނައިން މުވައްޒަފުން ނަގައިފައި ނުވާނެ ކަމަށާއި ނަމަވެސް ސިއްހީ ދާއިރާއަށް ބޭނުންވާ ގިނަ ވަޒީފާތަކަކަށް މީހުން ނަގައިފައިވާނެ ކަމަށެވެ.

ނޫމަރާގެ ސިއްހީ މަރުކަޒުގައި ލެބޯރެޓަރީ އިމާރާތެއް ހުރުމުން ދެން އެތަނަށް ބޭނުންވާނީ މުވައްޒަފުންނާއި ވަސީލަތްތައް ކަމަށް ރައީސް ވިދާޅުވިއެވެ. އެކަންކަން ވަރަށް ހަމަޖެހިގެންދާނެ ކަމަށާއި ނޫމަރާގެ ރައްޔިތުން އާދައިގެ ޓެސްޓުތައް ހެދުމަށް ކައިރީ ރަށްރަށަށް ދިއުން ނިމުމަކަށް ވަރަށް އަވަހަށް އަންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނުގެ ސިޔާސަތަކީ ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ލެބޯޓަރީ ގާއިމުކުރުމުގެ އިތުރުން ދެ އަހަރުގެ ތެރޭގައި ހުރިހާ ރަށެއްގައި ކުނިމެނޭޖު ކުރާނެ ނިޒާމު ގާއިމުކުރުން ކަމަށް ވިދާޅުވިއެވެ.

ރަށުގެ ޕަވަރހައުސް އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ރޯދަމަސް ފެށެންވާއިރަށް ނިމޭނެ ކަމަށާއި އެކަމަށް ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ސަރުކާރުގެ ފަރާތުން ފެނަކަ ކޯޕަރޭޝަނަށް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ނޫމަރާއަށް މިހާރު އޮންނަ އާރްޓީއެލް ފެރީގެ ރޫޓް ދިގުވުމުގެ ޝަކުވާއަށް ހައްލު ހޯދައިދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެެވެ. އެގޮތުން ނޫމަރާއަށް ކުރާ ދަތުރުގެ ރޫޓު ކުރު ކުރެވޭނެ ގޮތެއް ވޭތޯ ބަލައިދިނުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިކް ކޮމްޕެނީ (އެމްޓީސީސީ)ގައި އެެދިވަޑައިގެންފައި ވާނެކަމަށް ރައީސް ވިދާޅުވިއެވެ.