ށ. ނަލަންދޫގައި ޓޫރިސްޓް ރިސޯޓު ހަދަން އަލުން ބީލަމަށް ހުޅުވާލައިފިއެވެ.

ނަލަންދޫގައި ރިސޯޓެއް ހަދަން ކުރީ ސަރުކާރުގައި ވެސް ދެ ފަހަރެއްގެ މަތިން ބީލަމަށް ހުޅުވާލިއެވެ. އެންމެ ފަހުން ބީލަމަށް ހުޅުވާލާފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފަހުން ހާމަކޮށްފައެއް ނުވެއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ނަލަންދޫގައި ރިސޯޓު ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 23 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ވާޗުއަލްކޮށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، އަންނަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން އެ މިނިސްޓްރީއަށް ހާޒިރުވެ ބީލަން ހުށަހަޅަންވާނެ ކަމަށެވެ.

މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށްޓަކައި މިމަހުގެ 22 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެ މިނިސްޓްރީގެ އީމެއިލް [email protected] އަށް މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯން ނަންބަރު އީމެއިލްކުރުމަށް އެދޭ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

ނަލަންދޫގައި ޓޫރިސްޓް ރިސޯޓު ހެދުމުގެ ބީލަމަށް ބިޑް ސެކިއުރެޓީގެ ގޮތުގައި 50،000 ޑޮލަރު ދައްކަން ޖެހެއެވެ. ނަލަންދޫއަކީ 63.99 ހެކްޓަރުގެ ރަށެކެވެ. އެ ރަށުގައި ހަދަން ނިންމާފައިވަނީ 200 އެނދުގެ ރިސޯޓެކެވެ.

ނަލަންދޫގެ ލީސް އެކުއިޒިޝަން ކޮސްޓް (އެލްއޭސީ)ގެ ގޮތުގައި އެއް މިލިއަން ޑޮލަރު ދައްކަން ޖެހެއެވެ. އެ އަދަދު ދެ ޕޭމަންޓެއްގެ ގޮތުގައި ދެއްކެއެވެ. އެއީ ފުރަތަމަ އިންސްޓޯލްމަންޓުގައި އެ އަދަދުގެ 50 ޕަސަންޓު އެގްރިމަންޓުގައި ސޮއިކުރާތާ ފަސްވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދައްކައި، ދެވަނަ އިންސްޓޯލްމަންޓުގައި ބާކީ 50 ޕަސަންޓު ހަވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދެއްކޭ ގޮތަށެވެ.

ނަމަވެސް ކޮންސްޓްރަކްޝަން މުއްދަތެއްގެ ގޮތުގައި ދޭ 36 މަސް ދުވަސް ހަމަވާ އިރު، ރިސޯޓު އޮޕަރޭޝަނަށް ނުގެންނަ ނަމަ، އެލްއޭސީގެ ގޮތުގައި ދައްކަން ޖެހޭ އެއް މިލިއަން ޑޮލަރު ޖެހިގެން އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެއްކޮށް ދައްކަން ޖެހެއެވެ.