އުރީދޫ މޯލްޑިވްސްއާ އަލަށް ގުޅޭ ކަސްޓަމަރުންނަށްވެސް ހައްޖު ދަތުރު ހޯދުމުގެ ފުރުސަތު މިހާރު އެބައޮތް ކަމަށް އުރީދޫން ބުނެފިއެވެ.

އުރީދޫން މިއަދު ބުނީ އެ ކުންފުންޏަށް 20 އަހަރު ފުރުމުގެ މުނާސަބަތުގައި އޭޕްރީލް މަހުން ފަށައިގެން ކުރިއަށްގެންދާ "ލިވް އަންލިމިޓެޑް" ކެމްޕޭނުގެ ދަށުން އަށް ކަސްޓަމަރަކަށް މިހާރު ވަނީ އުމްރާ ދަތުރު ލިބިފައި ކަމަށެވެ.

"މި ކެމްޕޭނުގެ ބޮޑު އިނާމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ދެ މީހަކަށް ހައްޖު ދަތުރެކެވެ. މި ކެމްޕޭނުގެ ހާއްސަކަމަކީ އަލަށް އުރީދޫއާ ގުޅޭ ކަސްޓަމަރުންނަށްވެސް މި ދަތުރު ކާމިޔާބުކުރުމުގެ ފުރުސަތު އޮތްކަމެވެ..،" އުރީދޫން ބުންޏެވެ.

"ލިވް އަންލިމިޓެޑް" ކެމްޕޭނުގެ ދަށުން ކޮންމެ 20 ދުވަހަކުން 10 ކަސްޓަމަރުންނަށް އުމްރާ ދަތުރެއް ލިބިގެންދާނެކަމަށް އުރީދޫން ބުންޏެވެ. އެ ހަރަކާތަކީ ކަނެކްޓިވިޓީގެ ބޭރުން އުރީދޫގެ ކަސްޓަމަރުންގެ އަގު ވަޒަންކޮށް އުރީދޫ އާއިލާއާ އަލަށް ގުޅުނު ފަރާތްތަކަށް ދައުވަތު ދިނުން ކަމަށް އުރީދޫން ބުންޏެވެ.

ލިވް އަންލިމިޓެޑް ކެމްޕޭނުގައި ބައިވެރިވާނެ ގޮތް:

  • ބިލް ދެއްކުމަށް ނުވަތަ އެޑް އޮން ކުރުމަށް 250 ރުފިޔާއަށްވުރެ ބޮޑު އަދަދެއް ހޭދަކުރުން
  • އަލަށް ގުޅޭ ކަސްޓަމަރުން ބިލް ދެއްކުމަށް ނުވަތަ އެޑް އޮން ކުރުމަށް މަދުވެގެން 400 ރުފިޔާ ހަރަދުކުރުން
  • އުރީދޫގެ ހިދުމަތް (ކޯލް ނުވަތަ ޑޭޓާ) 30 ދުވަހުގެ ތެރެއިން މަދުވެގެން 25 ދުވަހު ބޭނުން ކުރުން
  • ޕޯސްްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންނަށް ބައިވެރިވެވޭނެ

ޝަރުތު ހަމަވާ ހުރިހާ ކަސްޓަމަރުން އޮޓަމެޓިކުން ގުރުއަތު ނެގުމަށް ހަމަޖެހިފައިވާ ކަމަށާއި ކެމްޕޭނުގެ މުއްދަތުގެ ތެރޭގައި ނަސީބުވެރިން ހޮވާނެކަމަށް އުރީދޫން ބުންޏެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ ލިވް އަންލިމިޓެޑް ކެމްޕޭނުގެ އަމާޒަކީ އުރީދޫގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ގުޅޭ ކަސްޓަމަރުންގެ އަގު ވަޒަން ކުރުން ކަމަށެވެ. އަދި އެ ކެމްޕޭނުން ދައްކައިދެނީ ޓެކްނޮލޮޖީއާއި ކަނެކްޓިވިޓީއިން ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަ ކުރުމަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުންކަމަށް ނިޔާޒު ވިދާޅުވިއެވެ.

އުރީދޫގެ އަހަރީ ދުވަސް ފާހަގަކުރަމުންދާ އިރު، އެ ކުންފުނިން އަބަދުވެސް ދަނީ ކަސްޓަމަރުންނަށް ފުރިހަމަ ކެނެކްޓިވިޓީއާއެކު ދިރިއުޅުން ފުރިހަމަކޮށްދީ އިތުރު ފުރުސަތުތައް ފަހިކޮށްދިނުންކަމަށް އުރީދޫން ބުންޏެވެ.