ޔޫއެފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި މިރޭ ނޯވޭއިން އިޒްރޭލާ ދެކޮޅަށް ކުޅުނު މެޗު، 5-0 އިން ކާމިޔާބު ކޮށްފިއެވެ.

ނޯވޭގެ އޮސްލޯގައި ކުޅުނު މެޗަށް އޮތީ އިޒްރޭލްގެ ލާއިންސާނީ ޖަރީމާތަކުގެ ހިޔަނި އެޅިފައެވެ. އެއީ އިޒްރޭލުން ގައްޒާގެ އާއްމުންނަށް އަމާޒުކޮށް ދެމުންދިޔަ ލާއިންސާނީ، އިންސާނީ ކަރާމަތާ ހިލާފު އަމަލުތަކުގެ ސަބަބުންނެވެ.

އިޒްރޭލުގެ އަނިޔާވެރި ހަމަލާތަކުގައި ގައްޒާގެ އެތައް ކުދީންނަކާއި އަންހެނުންނެއްވެސް ޝަހީދުކޮށްލާފައިވާ އިރު، ކުޅިވަރުގެ އެތައް އެތުލީޓުންނެއްވެސް އެ ހަމަލާތަކުގައި ޝަހީދުވެފައިވެއެވެ. އެ ހާލަތުގައި ގައްޒާގެ ރައްޔިތުން ދިރިއުޅެމުންދިޔަ އިރު، އެކަންކަން ހުއްޓުވުމަށް ބާރު އެޅުމަށް އިޒްރޭލް ފުޓުބޯޅައިން ބޭރުކުރުމަށް ގިނަ ބަޔަކު ވަނީ އެތައް ގޮތަކުން ގޮވާލައިފައެވެ. އެކަމަށް ސަޕޯޓަރުންވެސް ދަނީ މުޒާހަރާތައް ކުރަމުންނެވެ.

މިރޭ ނޯވޭގައިވެސް، މެޗު ފެށުމުގެ ކުރިން ދަނޑު ކައިރިއަށް އެތައް ސަތޭކަ ސަޕޯޓަރުންނެއް އެއްވެ، އިޒްރޭލް ފުޓުބޯޅައިން ބޭރުކުރުމަށް ގޮވާލާފައިވެއެވެ. ގިނަ ސަޕޯޓަރުން ފަލަސްތީން ޖާޒީތަކުގައި ތިބި އިރު، އެ މުޒާހަރާ ކޮންޓްރޯލް ކުރުމަށް ސިފައިން ވަނީ ކަރުނަ ގޭސްވެސް ބޭނުން ކޮށްފައެވެ.

މިރޭ އޮސްލޯގައި ކުރިއަށްދިޔަ މުޒާހަރާތަކުގެ ތެރެއިން ---

ސްޓޭޑިއަމް ބޭރުގައި އެހާލަތު އޮތް މެޗުގެ ފުރަތަމަ ފަސްވަނަ މިނެޓުގައި ނޯވޭއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އެ ޕެނަލްޓީ ދެފަހަރަށް ޖަހައިގެންވެސް އާލިން ހާލަންޑް އަތުންވީ ނާކާމިޔާބެވެ.

ޕެނަލްޓީ ނާކާމިޔާބުވި ނަމަވެސް، 18 ވަނަ މިނެޓުގައި އަނާން ހަލައިލީ އަތުން ބައިކޮޅަށް ވަން ގޯލުން ނޯވޭ ލީޑު ނެގިއެވެ. އޭގެފަހުން ހާލަންޑްގެ ފޯމުގައި ގޯލެއް ފެނިގެން ދިޔަ އިރު، ހާފު ނިމުމުގެ ކުރިން އިޒްރޭލްގެ އިދާން ނަޗްމިއާސް އަތުން އަނެއްކާވެސް ބައިކޮޅަށް ގޯލެއް ވަނެވެ.

ނޯވޭ ތާވަލުގެ އެއްވަނައިގައި މަގާމު ދަމަހައްޓަން މިރޭ ހޯދި މޮޅުގައި ހާލަންޑްގެ ހިއްސާ ބޮޑުކޮށް ފެނުނު އިރު، ދެވަނަ ހާފުގައި އެންޓޯނިއޯ ނޫސާގެ ދެ އެސިސްޓުން ހާލަންޑް ހެޓްރިކް ފުރިހަމަ ކުރިއެވެ.

ނޯވޭ ކޮލިފިކޭޝަން ގްރޫޕް އައިގެ އެއްވަނައިގައި އޮތީ ހަމެޗުން 18 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް އިޓަލިއަށް ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފައިވާ އިރު، އިޒްރޭލަށް ހަ މެޗުން ލިބިފައި ވަނީ ނުވަ ޕޮއިންޓެވެ. އެ ގްރޫޕްގައި ހިމެނޭ އެސްޓޯނިއާއަށް އެއް މޮޅު ހޯދުނު އިރު، މޮލްޑޯވާއަށް އަދި މޮޅެއް ނުލިބެއެވެ.