ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން މެލޭޝިއާ އެއާލައިންސްއަށް ހިދުމަތް ދޭން ފަށައިފިއެވެ.

ޓާމިނަލް 1 އިން މެލޭޝިއާ އެއާލައިންސްއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އައިލެންޑް އޭވިއޭޝަން ސާވިސަސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސްއެވެ.

ރަސްމިއްޔާތުގައި މެލޭޝިއާ އެއާލައިންސް މާލޭގެ ސްޓޭޝަން ހެޑް އަހުމަދު ހަނަމް ފާއިޒާއި އެމްއޭސީއެލްއާއި މެލޭޝިއާ އެއާލައިންސްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މެލޭޝިއާ އެއާލައިންސް އިން ޗެކިން ކައުންޓަރުތައް ރަސްމީކޮށް މިއަދު ހުޅުވައިދެއްވަނީ. -- (ފޮޓޯ/ އެމްއޭސީއެލް)

އެމްއޭސީއެލުން ބުނި ގޮތުގައި މިއަދު ބޭއްވި އެ ރަސްމިއްޔާތުގައި މެލޭޝިއާ އެއާލައިންސް އިން ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ ފްލައިޓުން ދަތުރުކުރި 170 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި މެލޭޝިއާ އެއާލައިންސްގެ ފުރަތަމަ މަތިންދާބޯޓު، MH485އަށް މަރުހަބާ ކިއުމުގެ ގޮތުން ހާއްސަ ވޯޓާ ސެލިއުޓެއް އަރުވައި, އެ ފްލައިޓުން ރާއްޖެ އައި 172 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.

މެލޭޝިއާ އެއާލައިންސްއަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި 10 ވަނަ އެއާލައިނެވެ. ޓާމިނަލް 1 އިން މިހާރު ހިދުމަތް ދޭ އެއާލައިންތަކަކީ މޯލްޑިވިއަން, އެއާ އަރަބިއާ, ބިއޯންޑް, ފިޓްސް އެއާ, ބެއިޖިންގް ކެޕިޓަލް އެއާލައިންސް, ބަޓިކް އެއާ, ބެންކޮކް އެއާވޭސް, އިންޑިގޯ, ގަލްފް އެއާ އަދި މެލޭޝިއާ އެއާލައިންސްއެވެ.

އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.