އިންޑިއާގެ ބުބަނޭޝްވާރްގައި މިއަދު ފެށި، އިންޓަނޭޝަނަލް ޓޭބަލްޓެނިސް ފެޑެރޭޝަން (އަައިޓީޓީއެފް) އިން ރުހުން ދީފައިވާ އޭޝިއަން ޓޭބަލް ޓެނިސް ޔޫނިއަންގެ 28 ވަނަ މުބާރާތުގައި ވާދަކުރަން ދިވެހި ޓީމުން އިންޑިއާއަށް ގޮސްފިއެވެ.

އިންޑިއާގައި މިއަދު ފެށި މުބާރާތް ކުރިއަށްދާނީ މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުބާރާތަށް ރާއްޖެއިން ދިޔަ ޓީމު އިއްޔެ ފުރާފައިވާ އިރު، މިިނިސްޓަރު އަބްދުﷲ ރާފިއު ވަނީ ޓީމާ ބައްދަލުކޮށް، ހިތްވަރު ދެއްވައިފައެވެ.

އޭޝިއާގެ ޓީޓީ މުބާރާތުގައި މި ފަހަރު ރާއްޖޭން ވާދަކުރާ ޓީމުގައި ސީނިއާ ކުޅުންތެރިންނާއެކު ޒުވާން ގިނަ ކުޅުންތެރިންތަކެއް ހިމެނެއެވެ. އެ ކުޅުންތެރިންނަކީ ބަހްރޭންގައި މިމަހު ފަހުކޮޅުގައި އޮންނަ އޭޝިއަން ޔޫތު ގޭމްސްގައި ރާއްޖެ ތަމްސީލުކުރާ ކުޅުންތެރިންނެވެ.

ކޯޗު މަހުދީ ހޯޝްމަރަމް ބުނީ އޭޝިއާ މުބާރަތަކީ އެ ކުޅުންތެރިންނަށް ރަނގަޅު ތަޖުރިބާއަކަށްވާނެ ކަމަށާއި، ޒުވާން ކުޅުންތެރިންނަށް މަތީ ފަންތީގެ މުބާރާތަކުން ޖާގަ ދީފައި ވަނީ ތަޖުރިބާ ހޯދައިދިނުމުގެ ބޭނުމުގައި ކަމަށެވެ. ހާއްސަކޮށް އޭޝިއަން ޔޫތު ގޭމްސްގައި ޖެހޭނީ ވަރުގަދަ ކުޅުންތެރިންނާ ކަމަށްވުމުން، އެ މުބާރާތުގެ ކުރިން ޒުވާން ކުޅުންތެރިންނަށް އިންޑިއާގައި އޮންނަ މުބާރާތުން ރަނގަޅު ފުރުސަތެއް ދޭން ބޭނުންވާ ކަމަށް ހޯޝްމަރަމް ފާހަގަކުރިއެވެ.

ރާއްޖޭން އަންހެން ހަތަރު ކުުޅުންތެރިންނާއި ފިރިހެން ހަތަރު ކުޅުންތެރިން އިންޑިއާއަށް ގޮސްފައިވާ އިރު، އަންހެން ހަތަރު ކުޅުންތެރިންނަކީ، ފާތިމަތު ދީމާ އަލީ، އަައިޝަތު ރަފާ ނާޒިމް، އައިޝަތު އަލްސާ ނާފިޒު އަދި މިޝްކާ މުހައްމަދު އިބްރާހިމެވެ. ފިރިހެން ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ މޫސާ މުންސިފް އަހުމަދު، މުހައްމަދު ޝައްފާން އިސްމާއިލް، އަހްޔާރު އަހުމަދު ހާލިދު އަދި މުހައްމަދު ހަލަފް ރާފިއުއެވެ.