ތިނަދޫ ސިޓީ ކައުންސިލަށް ބިމު ކުލީގެ ގޮތުގައި ޖުމުލަ 30 މިލިއަނެއްހާ ރުފިޔާ ދައްކަން އެބައޮތް ކަމަށްބުނެ، އެ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް އެ ކައުންސިލުން އާންމުކޮށްފިއެވެ.

އެ ކައުންސިލުން އިއްޔެ ކުރި އިއުލާނަކާއެކު އާންމުކުރި ލިސްޓުގައި މޯލްޑިވްސް ގޭހާއި، ދިރާގާއި، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އަދި އޭނާގެ ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑުވެސް ހިމެނޭހެން 50 ފަރާތެއްގެ ނަން ވަނީ އާންމުކޮށްފައެވެ.

މިދިޔަ ޖޫން މަހުގެ ނިޔަލަށް ކުލި ނުދައްކާ ފަރާތްތައް މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރި އިރު، ކޮންމެ މަހަކު އެ ލިސްޓު ނެރޭނެ ކަމަށް މިވަގުތު އެ ކައުންސިލު ހިންގުމާ ހަވާލުވެ ހުންނެވި ކައުންސިލަރު އާމިނަތު ނަސީމާ ސޮއިކުރައްވައި ނެރުނު އިއުލާނުގައި ވަނީ ބުނެފައެވެ.

އެ އިއުލާނުގައި ބުނެފައިވާ ގޮތުގައި ކައުންސިލުގެ އެސްއެމްއެސް ސިސްޓަމް މެދުވެރިކޮށް ބިން ކުއްޔަށް ހިފާފައިވާ ފަރާތްތަކަށް ކޮންމެ މަހެއްގެ އެކެއްގައި މެސެޖު ފޮނުވައެވެ. އަދި ކޮންމެ މަހެއްގެ 10 ގައި ކުލި ދައްކަން ހަނދާންކޮށްދިނުމަށް އިތުރު މެސެޖެއްވެސް ފޮނުވައެވެ. އޭގެ އިތުރުން ފައިސާ ދެއްކުމަށް އެދި ދެ ފަހަރެއްގެ މަތިން ސިޓީގެ ޒަރީއާއިންވެސް ކުލި ދެއްކުމަށް އެދޭ ކަމަށެވެ.

ނަމަވެސް ގަވާއިދުން ކުލި ނުދައްކާތީ، އެ ފަރާތްތައް ގޮވައިގެން ޝަރީއަތަށް ދިއުމަށް ތައްޔާރުވަމުން އަންނަ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

އިއުލާނާއެކު އާންމުކޮށްފައިވާ ލިސްޓުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފައިސާ ދައްކަން ޖެހޭ ފަރާތްތައް:

  • މޯލްޑިވްސް ގޭސް - 3،779،494.28 ރުފިޔާ
  • އެޒްރޯވް މޯލްޑިވްސް ޕްރިވެޓް ލިމިޓެޑް - 3،627،131.51 ރުފިޔާ
  • ޑީއެމްއާރް ހާޑްވެއާ (ދެ ފިހާރަ އެއްކޮށްލައިގެން) - ޖުމުލަ 4 މިލިއަނަށްވުރެ ގިނަ ރުފިޔާ
  • އަކުއާ ލައިނާ ޕްރައިވެޓް ލިމިޓެޑް - ޖުމުލަ 5 މިލިއަނަށްވުރެ ގިނަ ރުފިޔާ
  • ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ހަރުގެ އަދި އެބޭފުޅާގެ ސްވިފްޓް އިންޖިނިއަރިން - ޖުމުލަ 5 ލައްކައަށްވުރެ ގިނަ ރުފިޔާ

އޭގެއިތުރުން އެ ލިސްޓުގައި ދިރާގުވެސް ހިމެނެއެވެ. ދިރާގުން ކުލީގެ ގޮތުގައި 55،341 ރުފިޔާ ދައްކަން އެބަ އޮތެވެ. އަދި ލައްކައިންނާއި މިލިއަނުން ބިމު ކުލި ދައްކަންޖެހޭ އާންމުންގެ ނަންތައްވެސް އެ ލިސްޓުގައި އެބަ އޮތެވެ.

ފައިސާގެ މުއާމަލާތް ކުރުމުގައި ބޮޑެތި ގޯސްތަކެއް ތިނަދޫ ސިޓީ ކައުންސިލް އިދާރާ އިން ހަދާފައިވާ ކަމަށް އޮޑިޓަ ޖެނެރަލްގެ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައިވެސް ވަނީ ފާހަގަކޮށްފައެވެ.

ތިނަދޫ ކައުންސިލް އިދާރާގެ ފައިސާއާ ބެހޭ މުއާމަލާތްތަކެއް ގޯސްކޮށް ކުރިއަށް ގެންގޮސްފައިވާކަން އޮޑިޓު ރިޕޯޓުން ހާމަވި އިރު، އެ ކައުންސިލްގެ މޭޔަރު ސައުދު އަލީ އަދި އެ ސިޓީގެ ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ މިދިޔަ މަހު 25 ގައި ވަނީ ސަސްޕެންޑްކޮށްފައެވެ.

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ އެ ކައުންސިލާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލަތަކެއް ބެލުމުގެ ގޮތުން ކައުންސިލް އިންކުއައިރީއެއް ކުރިއަށް ގެންގޮސްފައެވެ. އެ އިންކުއަރީގައި ކައުންސިލް މެންބަރުންނާއި ކައުންސިލް އިދާރާގެ މުވައްޒަފުންގެ ބަޔާން ނަގައި ލިޔެކިޔުންތައް އެލްޖީއޭއިން ވަނީ ދިރާސާކޮށްފައެވެ.