ގދ. ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިނުމުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ތުހުމަތުކޮށް، އެ މައްސަލަ ބަލައިދިނުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގައި އެދިއްޖެއެވެ.
އެ މައްސަލަ ބަލައިދިނުމަށް އެދި އެލްޖީއޭއަށް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އެވެ.
ސައުދުﷲ، އެލްޖީއޭއަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވާއިރު، އޭނާގެ އަންހެނުން މާލެއަށް ރަޖިސްޓްރީ ބަދަލުވިތާ 25 ވަރަކަށް އަހަރު ވެދާނެ ކަމަށާއި އަންހެނުންގެ މާމަ ނިޔާވިތާ 8 ވަރަކަށް އަހަރު ވެދާނެ ކަމަށެވެ. ސައުދު ވިދާޅުވީ އަންހެނުންގެ ބޮޑުބޭބެ ނިޔާވިތާ ވިއްސަކަށް އަހަރު ވެދާނެ ކަމަށާއި އަދި އޭނާގެ ބައެއް އަވަށްޓެރީން ވެސް ނިޔާވެފައިވާއިރު އެ ހުރިހާ މީހުން ވަނީ ތިނަދޫގެ އާބާދީގެ ލިސްޓުގައި ހިމަނައިފައި ކަމަށެވެ.
"އެހެންކަމުން ތިނަދޫ، ސިޓީއަކަށް ބަދަލުކުރުމުގައި، ދިވެހި އެތައް ބަޔަކު އިންތިހާއަށް ކަންބޮޑުވާ އަދި ގާނޫނާ ހިލާފު އެތައް ކަމެއް ހިންގާފައިވާ އަދި އެކަމުގެ ސަބަބުން ކުރިޔަށް އޮތްތާގައިވެސް އެފަދަ ކަންކަން ހިނގައިފާނެ ކަމަށް ބެލެވޭތީ މަކަރާއި ހީލަތާއި އޮޅުވައިލުމާއި އެނޫންވެސް ޖިނާއީ މައްސަލަތައް ކަމަށް ބެލެވޭ މައްސަލަތައް ބެލުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ފޮނުވައިދެއްވުމާއެކު މިކަމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށް ތިޔަ އޮތޯރިޓީއަށް ފެނިވަޑައިގަންނަވާ ނަމަ ތިނަދޫ ކައުންސިލާ ދޭތެރޭ ފިޔަވަޅު އަޅުއްވައި ދެއްވުން އެދެމެވެ." ސައުދުﷲ ގެ ސިޓީގައި ވިދާޅުވިއެވެ.
ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ގާނޫނާ ހިލާފަށް ކަަމަށްބުނެ އެ މައްސަލަ އެންމެ ފުރަތަމަ ފެންމަތިކޮށްފައި ވަނީ އެންވަޔަރުމެންޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރާގިބު އަހުމަދެވެ. ރާގިބް ވަނީ ތިނަދޫއަށް ދީފައިވާ ސިޓީއެއްގެ ދަރަޖަ ބާތިލުކޮށްދިނުމަށް އެދި ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފައެވެ.
އެކަމާ ގުޅިގެން ރާގިބް "ވަން" އަށް މިދިޔަ މަހުގެ 25 ގައި ވިދާޅުވެފައިވަނީ ރަށަކަށް ސިޓީއެއްގެ ދަރަޖަ ދެވޭނީ އާބާދީގައި 10،000 މީހުން ހަމަވާ ނަމަ ކަމަށާއި ނަމަވެސް މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން އޭނާ ހޯދި މައުލޫމާތުގައި ތިނަދޫގެ އާބާދީއަކީ ހަތްހާހެއްހާ މީހުން ކަމަށް އެނގިފައިވާ ކަމަށެވެ. ތިނަދުއަށް ސިޓީއެއްގެ ދަރަޖި ދީފައިވަނީ އެ ރަށު ކައުންސިލުން ގެންގުޅުނު ސައްހަ ނޫން ލިސްޓަކަށް ބަލައިގެން ކަމަށްވެސް ރާގިބް ވިދާޅުވެފައިވެއެވެ.
"އަޅުގަނޑު މި މައްސަލަ ދިރާސާކުރި އިރު އެބަހުރި 30-40 ވަރަކަށް މަރުވެފައިވާ މީހުން ރަށުގެ އާބާދީގެ ގޮތުގައި ހިމަނާފައި. 30 އަހަރު ކުރިން މާލެއަށް ހިޖުރަކޮށްފައިވާ މީހުންވެސް އެބަހުރި ހިމަނާފައި. އަދި އެބަހުރި އެއް ނަމެއް ކިޔާ މީހަކު، އެ މީހާގެ އާންމު ނަމާއި ގޭގެ ނަމާއި މަންމަ އަދި ބައްޕަގެ ނަން އެއްގޮތް އެކަމަކު އައިޑީ ކާޑު ނަންބަރު ތަފާތު. އެގޮތަށް އެކެއްގެ ނަމުގައި ވަރަށް ގިނައިން އެބަހުރި. މީ ބޮޑު އޮޅުވާލުމެއް،" ރާގިބް ވިދާޅުވެފައިވެއެވެ.
އޭނާ ވިދާޅުވެފައިވަނީ ތިނަދޫގެ އާބާދީގައި 10،000 މީހުން ހަމަވާ ކަމަށް ޑީއެންއާރުގެ މައުލޫމާތު ނުދައްކާއިރު އެ ރަށަށް ސިޓީއެއްގެ ދަރަޖަ ދެވިގެން ނުވާނެ ކަމަށެވެ.
މި މައްސަލަ ކޯޓަށް ހުށަހެޅުމާ ގުޅިގެން ޑެޕިއުޓީ މިނިސްޓަރުގެ މަގާމުން ރާގިބް ވަނީ ވަކިކުރައްވައިފައެވެ.
އެފަހުން މިދިޔަ މަހުގެ 28 ގައި ރާގިބް "ވަން" އަށް ވިދާޅުވެފައިވަނީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަދިން މައްސަލަ ބަލައިދިނުމަށް އެދި ފުލުހަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ހުށަހަޅައިފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހަށާއި އޭސީސީއަށް ހުށަހެޅީ ނޮވެމްބަރު 27 ގައި ކަމަށާއި އެ ދެ މުއައްސަސާގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އާއި ޖުޑީޝަރީ ކޮމިޓީ އަދި ރައީސް އޮފީހަށް ވެސް މައްސަލަ ހުށަހަޅާނެ ކަމަށެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެ މަނިކުފާނުގެ ގަރާރަކުން ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިންކަން އެ މަނިކުފާނު އިއުލާން ކުރެއްވީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 30 ގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު