މިރޭ ކުޅުނު އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަން މެޗުގައި ތަޖިކިސްތާން ކައިރިން ރާއްޖެ ބަލިވެއްޖެއެވެ.

ތަޖިކިސްތާނުގެ ހިސޯރް ސެންޓްރަލް ސްޓޭޑިއަމްގައި ކުޅުނު މެޗުން ރާއްޖެ ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. އޭޝިއަން ކަޕް ކޮލިފިކޭޝަން ތިންވަނަ ބުރުގެ ގްރޫޕް އޭގައި ރާއްޖެ މިވަގުތު އޮތީ ފުލުގައެވެ.

އެއީ ކުޅުނު ތިން މެޗުންވެސް ބަލިވެގެންނެވެ. ކޮލިފިކޭޝަން ތިންވަނަ ބުރުގެ ފުރަތަމަ މެޗުގައި ރާއްޖެއިން ފިލިޕީންސް ކައިރިން ބަލިވީ 4-1 އިންނެވެ. އޭގެފަހުން ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ 1-0 އިންނެވެ.

މިހާތަނަށް ރާއްޖެއަށް ޕޮއިންޓެއް ނުލިބި އޮތް އިރު، އެއްވަނައިގައި އޮތީ ތަޖިކިސްތާނެވެ. އެއީ ތިން މެޗުން ހަތް ޕޮއިންޓާއެކުގައެވެ. ފިލިޕީންސް ދެވަނައިގައި އޮތީވެސް ތިން މެޗުން ހަތް ޕޮއިންޓާއެކުގައެވެ. ޓީމޯ ލެސްޓޭއަށް ތިން މެޗުން ތިން ޕޮއިންޓް ލިބިފައިވެއެވެ.

ރާއްޖެއަށް ކޮލިފިކޭޝަންގައި ދެން އޮންނާނީވެސް ތަޖިކިސްތާނާ ދެކޮޅަށް ކުޅޭ މެޗެކެވެ. އެއީ ހޯމްގައި، މިމަހުގެ 14 ވަނަ ދުވަހު އޮންނަ މެޗެވެ.

މިރޭގެ މެޗަށް އާ ކޯޗަކާއެކު ނުކުތް ތަޖިކިސްތާނުން ވަނީ އަށްވަނަ މިނެޓުގައި ލީޑު ނަގައިފައެވެ. އޭރިއާތެރެއަށް ހުރަސްކޮށްލި ބޯޅައެއް ޝަހްރޯމް ސާމިއޭވް ފޮނުވާލި އިރު، އެ ބޯޅަ ގޯލަށް ވަނީ ރާއްޖޭގެ ކީޕަރު މުހައްމަދު ފައިސަލް ފައި ދަށުންނެވެ.

އޭގެފަހުންވެސް ތަޖިކިސްތާނުން ބޮޑަށް ޑޮމިނޭޓް ކޮށްގެން ކުޅެފައިވާ އިރު، 30 ވަނަ މިނެޓުގައި އެޓީމުން ދެވަނަ ގޯލެއް ޖެހިއެވެ. 30 ވަނަ މިނެޓުގައި ޖެހި އެ ގޯލަކީ ރާއްޖޭގެ ކީޕަރު ފައިސަލް އަތުން ހެދުނު ގޯހަކުން ޖެހި ގޯލެކެވެ.

މަތިމަތިން އޭރިއާ ތެރެއަށް ހުރަސް ވެގެން ދިޔަ ބޯޅައިގައި ފައިސަލް ކުރިއަށް ޖެހި ހިފަން މަސައްކަތް ކުރި ނަމަވެސް، އޭނާ އަތުން ބޯޅަ ނައްޓާލުމުން ގޯލަށް ބޯޅަ ފޮނުވާލީ ޝެރްވާނީ މަބޮޓްޝައޭވްއެވެ.

ރާއްޖެއިން މެޗަށް ނެރުނު ފުރަތަމަ 11 --- ފޮޓޯ/ އޭއެފްސީ

ދެވަނަ ހާފުގައިވެސް މެޗު ކޮންޓްރޯލް ކުރީ ތަޖިކިސްތާނުންނެވެ. އެހެން ނަމަވެސް ރާއްޖެއިން ވަނީ ކައުންޓާ ފުރުސަތުތަކަށް މަސައްކަތް ކޮށްފައެވެ. ނާއިޒު ހަސަން (ދާދު) އާއި ހަމްޒާ މުހައްމަދު (ހަމްޕު)ގެ ބޭނުންކޮށްގެންވެސް ރާއްޖެއިން ހަމަލާތަކަށް މަސައްކަތް ކުރި ނަމަވެސް، އެންމެ އެކަށީގެންވާ ހަމަލާއެއް ނުފެނި މެޗު ދިޔައީ އުނދަގޫ ވެގެންނެވެ.

ތަޖިކިސްތާނުން ދެވަނަ ހާފުގައިވެސް ހަމަލާތައް އުފެއްދި އިރު، ފައިސަލް ވަނީ މުހިއްމު ސޭވްތަކެއް ކޮށްފައެވެ. އޭނާގެ ފަރާތުން ރަނގަޅު މަސައްކަތެއް ކުރިތަން ފެނިގެން ގޮސްފައިވާ އިރު، ފަހުވަގުތު ހަސަން ރާއިފް އަހުމަދު (ހަންނަ) ގޯލެއް ޖަހަން ފޮނުވާލި ހަމަލާ އަމާޒުވީ ދަނޑިއަށެވެ.