އެފްރިކާގެ ވޯލްޑް ކަޕް ކޮލިފިކޭޝަން ގްރޫޕް އޭގައި ރޭ ކުޅުނު މެޗުން މޮޅުވެ، މިސްރުން އަންނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެއެވެ.

މިސްރުން ރޭގެ މެޗަށް ނުކުތްއިރުވެސް ކޮލިފިކޭޝަނަށް ބޭނުންވެފައި އޮތީ ޕޮއިންޓެކެވެ. އެ ޕޮއިންޓް ޔަގީންކުރީ ޖިބޫޓީ ކައިރިން ރަށުން ބޭރުގައި 3-0 އިން މޮޅުވެގެންނެވެ.

މިހާތަނަށް ކޮލިފިކޭޝަންގައި ކުޅުނު ނުވަ މެޗުން 23 ޕޮއިންޓް ހޯދައި، ގްރޫޕް އެއްވަނަ ޔަގީން ކޮށްފައިވާ އިރު، ކޮލިފިކޭޝަން އަނެއް ބުރަށް ދިޔުމުގެ އުންމީދުގައި އެ ގްރޫޕުގައި އޮތީ ބުރްކީނާ ފާސޯއެވެ. އެޓީމު އޮތީ ގްރޫޕްގެ ދެވަނަ މަގާމުގައެވެ.

މިސްރުގެ އިބްރާހީމް އަޑެލް މެޗުގެ ކުރީކޮޅުގައި ގޯލް ޖެހި އިރު، އަނެއް ދެ ގޯލްވެސް ޖަހައިދިނީ ލިވަޕޫލްގެ ތަރި މުހައްމަދު ސަލާހެވެ.

އުމުރުން 33 އަހަރުގެ ސަލާހަކީ ކްލަބު ފުޓުބޯޅައިގައި ކާމިޔާބު ކުޅުންތެރިއެއް ނަމަވެސް، މިހާތަނަށް ގައުމީ ޓީމަށް ކުޅުނު 14 އަހަރުގައިވެސް ތަށްޓެއް ހޯދިފައެއް ނުވެއެވެ. މިފަހަރު މިސްރުން މި ތައްޔާރު ވަނީ ސަލާހާއެކު ދެވަނަ ވޯލްޑް ކަޕަކަށެވެ.

އަވަހަށް ކޮލިފިކޭޝަން ޔަގީންކޮށް، މިސްރަށް އިތުރު ހިތްވަރެއް ލިބިފައިވާ އިރު، ވޯލްޑް ކަޕްގެ ކުރިން ޑިސެމްބަރު މަހު، އެގައުމުން އެފްރިކާ ކަޕް އޮފް ނޭޝަންސްއަށް ނުކުންނާނެއެވެ. އެއީ ސަލާހާއެކު ފުރަތަމަ ތަށްޓެއް ހޯދުމަށް ޓާގެޓް ކޮށްގެންނެވެ.

މީގެ ކުރިން އެންމެފަހުން މިސްރުން ބޮޑު މުބާރާތެއް ހޯދީ 2010 ވަނަ އަހަރުއެވެ. އެއީ އެފްރިކާ ކަޕް އޮފް ނޭޝަންސްއެވެ. އޭގެފަހުން 2017 ވަނަ އަހަރާއި 2022 ވަނަ އަހަރު އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ފައިނަލުން މިސްރު ބަލިވި އިރު، އެ ދެފަހަރުވެސް ސަލާހް ޓީމުގައި ހިމެނުނެވެ.