ކާރަކުން ސައިކަލެއްގައި ޖެހި އެކްސިޑެންޓުވުމުން އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންގޮސްދިނުމަށް ފަހު އެ ހާދިސާ ރިޕޯޓު ނުކުރި ފުލުސް މީހާ ސަސްޕެންޑް ކޮށްފިއެވެ.

މިދިޔަ މަހުގެ 12 ވަނަ ދުވަހުގެ ރޭ ދަންވަރު 1:00 ހާއިރު ހުޅުމާލޭ ފިތުރޯނު މަގުން، ވެމްކޯ ކައިރީގައި ހިނގި އެ އެކްސިޑެންޓުގައި ހައްޔަރުކުރީ މއ. ސައީދުވާދީ، މުހައްމަދު ހަސަން، 33އ އެވެ.

އޭނާ ހައްޔަރުކޮށް، މުއްދަތު ޖަހަން ގެންދިއުމުން ކޯޓުން އޭނާ ވަނީ ދޫކޮށްލައިފައެވެ. ސަބަބެއް ކަމުގައި ބުނެފައިވަނީ އޭނާއަކީ މިހާރުވެސް ފުލުހަކަށްވުމާއި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން ޖެހޭ ފަދަ ހާލަތެއް ނެތުމެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިދިޔަ އަންގާރަ ދުވަހު އޭނާ ވަޒީފާއިން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.